ޚަބަރު

ދެ ލައްކައެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ގައުމުގެ ރައްޔިތެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ބަލައި ފާސްކުރިއިރު ކަމަށެވެ.

އެގޮތުން އެމީހާގެ ލަގެޖު ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން/ޔާބާ އަށް ފޮޒިޓިވްވެފައިވާ ކަމަށާއި އަދި އޭނާގެ ލަގެޖުގެ ތެރެއިން ޖުމްލަ 1932 އެމްފެޓަމިން ގުޅަ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތީގެ މަގުމަތީ އަގު 193,200.00 (އެއް ލައްކަ ނުވަދިހަ ތިންހާސް ދުއިސައްތަ) ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!