ޚަބަރު

ކުންފުނީގައި ޝައުނާގެ ހިއްސާއެއް ނެތް: އިކޮނޮމިކް މިނިސްޓްރީ

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ މަސްލަހަތު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލަފާދޭ ކުންފުނި، އެޓޯލް ކޮމިއުނިކޭޝަންގައި އޮންނަ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް އޭނާގެ އެއްވެސް ހިއްސާއެއް އެތަނުގައި ނޯންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ކޮމިޔުނިޓީ ސްޓްރެޓެޖިސްޓެއްގެ ގޮތުގައި، މަސައްކަތް ކުރި ޕޯލް ރޮބާޓްސް އިސްވެ ހުންނަ، "އެޓޯލް ކޮމިޔުނިކޭޝަންސް"ގައި ޝައުނާގެ ހިއްސާއެއް އޮންނަ ކަމަށް ކުރެވެ ތުހުމަތުތައް ޝައުނާ ވަނީ ދޮގުކޮށްފައެވެ.

"އެޓޯލް ކޮމިޔުނިކޭޝަންސް" ކުންފުނި ފުރަތަމަ އުފެއްދީ ޝައުނާ ވެސް ހިއްސާ ވެގެން "ޝައުނާ އެންޑް ރޮބާޓްސް"ގެ ނަމުގައި ކަމަށެވެ. ނަމަވެސް، ފަހުން އެ ކުންފުނީގެ ނަން ވަނީ "އެޓޯލް ކޮމިޔުނިކޭޝަންސް"އަށް ބަދަލުކޮށްފައެވެ.

މިއަދު މެންދުރާ ޖެހެންދެން އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އިންނެވީ ޝައުނާ އެވެ. އެހެން ނަމަވެސް ޝައުނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ އަޕްޑޭޓް ނުވާ ރެކޯޑެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ސާފުކޮށްދިނުމަށް އޭނާ ވަނީ މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް ޓެގް ކުރައްވާ ދަންނަވާފައެވެ.

އެ ޓްވީޓަށް އިކޮނޮމިކް މިނިސްޓްރީން ކުރި ރިިޕްލައިގައި ބުނެފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހު 20 ވަނަ ދުވަހު، ޝައުނާ އެ ކުންފުނީގެ ހިއްސާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޮންލައިން ޕޯޓަލުގައި އޭނާގެ ހިއްސާ އޮތް ކަމަށް ދައްކާފައި ވަނީ އެއަށް އަޕްޑޭޓް ގެނެސްފައި ނުވާތީ ކަމަށެވެ. އަދި މިހާރު އޭނާގެ ނަން އުނިކޮށްފައިވާކަން ފާހަގަކުރަމުން މިނިސްޓްރީން ވަނީ އެކަމަށް މައާފަށް އެދިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ރެކޯޑްތަކުން މިހާރު ދައްކާ ގޮތުގައި، އެ ކުންފުނީގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އިންނަނީ ޝައުނާގެ ފިރިމީހާ މުހައްމަދު ތޯރިގެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!