ޓެލެގްރާމް ގްރޫޕެއްގައި ހިންގަމުންދާ މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއެއްގެ މައްސަލަ ބަލަނީ
ރާއްޖޭގެ ޓެލެގުރާމް ގުރޫޕެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައެއް ފުލުުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ބަލަން ފަށައިފިއެވެ.
އެ ޓެލެގުރާމް ގުރޫޕުގައި މަސްތުވާތަކެތީގެ އެކި ބާވަތްތަކުގެ ފޮޓޯއާއި އޭގެ އަ ގާއެކު އިޝްތިހާރުކުރަމުން ދާކަމަށް އެނގިފައިވެއެވެ. އަދި އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުން ޖެހެނީ ވިއްކާ މީހާއަށް މެސެޖު ކުރާށެވެ. އޭނާއަށް ގުޅޭނެ ނަންބަރެއް ދީފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ގުރޫޕެއްގެ މައްސަލަ ފެންމަތިވެެ މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި މިމައްސަލައިގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ޓެލެގްރާމުގައި މަސްތުވާތަކެތި އިސްތިހާރުކުރާ ގުރޫޕުތައް ހިންގައެވެ. އަދި ހަށި ވިއްކުމާއި އަންހެންކުދިންގެ ބަރަހަނާ ފޮޓޯތައް ހިމެނޭ ގުރޫޕުތައް ވެސް ދޭތެރެ ދޭތެރެއިން ހިންގައެވެ.