ބީޗް ވޮލީ ޓްރެއިނިން ކޯޓު ރަސްމީކޮށް ރައީސް ހުޅުވައިދެއްވައިފި
ރާއްޖޭގައި އަޅާފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ބީޗް ވޮލީ ޓްރެއިނިނގް ކޯޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މިއަދު ހަވީރު ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ހިމެނިވަޑައިގަންނަވާ ޓީމާއި ޤައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަޙްމަދު އަދި އަޙްމަދު ޢަލީ ހިމެނޭ ޓީމާއެކު ވޮލީމެޗެއް ވެސް ކުޅުއްވާފައިވެއެވެ.
ފަސް ޕޮއިންޓަށް ކުޅުނު މި މެޗް 5-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޤައުމީ ބީޗް ވޮލީ ޓީމުގެ ދެކުޅުންތެރިން ހިމެނޭ ޓީމުންނެވެ.
އެއަށްފަހު ދެން ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އަޙްމަދު މަޙްލޫފު ބައިވެރިވެ ވަޑައިގަންނަވާ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ބައްދަލުކުރި މެޗެކެވެ. މި މެޗް 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ މިނިސްޓްރީގެ ވޮލީޓީމުންނެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖޭގެ ބީޗް ވޮލީ ޓީމުތަކުން އަންނަނީ ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ވަނީ ރިހި މެޑެލް ހޯދާފައެވެ.