އަމީނަށް ނިސްބަތްކޮށް އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް!
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން ޓޫރިޒަމް މިނިސްޓަރު ވަޒީރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެވެ.
މިގޮތުން މި އޯޑިއޯގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑު ބަރޭ) އާއިއެވެ. މި އޯޑިއޯގައި އަލީ ވަހީދު ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއްވެސް އެޅީ އެބޭފުޅާކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓަރު އަމީނު ކުރެއްވި ކަމަކީ ހެދިކާ ކައިގެން ކެމެރާ މަނުން ގޮވައިގެން ފޮޓޯ ނެންގެވުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވާ އަޑުއިވެއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން އެއާޕޯޓުގައި ހަރުކުރި ކެމެރާތައް ގެންނެވީ އެ ބޭފުޅާ ކަމަށާއި، މާސްކު ވެސް ގެނައީ އެބޭފުޅާ ކަމަށް ވިދާޅުވިއެވެ. އަދި ކަރަންޓީނު ފެސިލިޓީތައްވެސް ހެެއްދެވީ އެ ބޭފުޅާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އަމީނު ކުރެއްވި ކޮންކަމެއްތޯ ސުވާލުކުރެއްވިއެވެ.
މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ މިނިސްޓަރު އަމީނު ހުރިހާ ކަމެއްވެސް ކުރައްވަނީ ޓުވީޓާއަށް ލާންކަމަށާއި، އެބޭފުޅާވެސް ކުރިން ކަންތައް ކުރެއްވީ އެގޮތަށް ކަމަށެވެ. ނަމަވެސް މިހާރު އެގޮތަށް ކަންތައް ނުކުރައްވާ ކަމަށާއި، ޓުވިޓާ އެއީ ޕަބްލިކް ބަލައިގަންނަ އެއްޗެއް ނޫންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ކުރެއްވި މަސައްކަތަށް ރައީސް ސޯލިހް ވެސް ވަރަށް ތައުރީފު ކުރެއްވި ކަމަށާއި ގިނަ ވަޒީރުންނާއި މަޖްލީސް މެމްބަރުންވެސް އެބޭފުޅާގެ މަސައްކަތް ބަލައިގަތްކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިރޭ ވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަށް ނިސްބަތްކޮށް އަލީ ވަހީދާއި އޭނާގެ އަރިސް ބައެއް ކަމަށް ބެލެވޭ ބަޔަކު ވާހަކަ ދައްކާ އޯޑިއޯއެއް ވެސް ލީކުކޮށްލައިފަ އެވެ. އޭގައި ވެސް އެޑިއުކޭޝަން މިނިސްޓަރަށް ހުތުރު ބަހުން ނިސްބަތްކުރެ އެވެ.