ޚަބަރު

ދައުރުވަމުން ދަނީ ފޭކް އޯޑިއޯއެއް: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ދައުރުވަމުންދަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށާ އަބުރު ކަތިލުމުގެ ހިންގާ ޖަރީމާއަކުން އަޒުމް ގުޑުވާ ނުލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިނިސްޓަރު އަލީ މިހެން ވިދާޅުވީ އަލީ ވަހީދު ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

އެގޮތުން އެއް އޯޑިއޯއެއްގައި އަލީ ވަހީދު ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސްތަކެއް ރައްދުކޮށްފައެވެ. އެގޮތުން ކޮރޯނާ ވައިރަހާ ގުޅިގެން މާސްކާއި ކެމެރާ އަދި ކަރަންޓީނު ފެސިލިޓީ ވެސް ހެދީ އޭނާ ކަމަށާއި މިނިސްޓަރު އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށް އަލީ ވަހީދު އެ އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

މިރޭ ދެން ލީކުކޮށްލާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ނިސްބަތްކޮށް އަލީ ވަހީދު ވާހަކަ ދެއްކެވި އޯޑިއޯއެކެވެ. އެ އޯޑިއޯގައި ވެސް އަލީ ވަހީދު އެޑިއުކޭޝަން މިނިސްޓަރަށް ވެސް ހުތުރު ބަސްތަކެއް ރައްދުކޮށްފައިވާއިރު މިނިސްޓްރީގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން އޭނާގެ އަޒުމެއް ނުގުޑާނެ އަދި ހިތްވަރެއް ބައްޔެއް ވެސް ނުކުރެވޭނެ ކަމަށެވެ. އަދި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!