ޚަބަރު

ކައުންސިލް އިންތިހާބުގައި ވާދަކުރަން އަދި ހުށަހެޅީ 141 ފޯމް: އީސީ

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް ހުށައަޅާފައިވަނީ 141 ފޯމް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް 141 ފަރާތަކުން ފޯމު ހުށަހެޅިއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން މިހާތަނަށް 50 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް އިން ވަނީ ހުޅުވާލާފައެވެ. މި ދެ އިންތިހާބު ވެސް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ކައުންސިލް އިންތިޚާބުގައި މުޅި ރާއްޖޭގައި 545 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، އޭގެ ތެރެއިން 173 ވޯޓުފޮށި ބަހައްޓާނީ މާލޭގައެވެ.

ކައުންސިލް އިންތިހާބަށް އިލެކްޝަނުން ތައްޔާރުވުމުގެ ގޮތުން އެ ކޮމިޝަނުން ވަނީ ފައިނަލް ވޯޓާސް ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ. އެގޮތުން ވޯޓާސް ލިސްޓަށް 373 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ވޯޓާސް ލިސްޓުގައިވާ ގޮތުގައި މި ދެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 269،623 އެވެ. އަދި މިދިޔަ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 264،442 މީހުންނަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި 5181 މީހުން ފުރަތަމަ ފަހަރަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!