ހުޅުމާލޭ ބާބަކިއު ސަރަހައްދު މާދަމާއިން ފެށިގެން ބަންދު
މަސައްކަތެެއް ކުރުމަށްޓަކައި މާދަމާއިން ފެށިގެން ހުޅުމާލޭ ބާބަކިއު ސަރަހައްދު ބަންދުކުރުމަށް ނިންމާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ނެރުނު އިޢުލާނެއްގައި ބުނީ ބާބަކިއު ސަރަހައްދު ބަނދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. އެޗްޑީސިން މިހާރުދަނީ އެ ސަރަޙައްދުގައި ހުރި ތަކެތި ނަގާ އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފަށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ބާބަކިއު ހެދުމަށް ރާނާފައިވާ ޕިޓްތަކާއި، ގޮންޑިއާއި މޭޒުތައްވެސް ނެގުމަށް ހަމަޖެހިފައިވާކަމަށް އެޗްޑިސިން ވަނީ ބުނެފައެވެ.
ބާބަކިއު ސަރަޙައްދު އަލުން ހުޅުވާލާނެކަން ނުވަތަ އެ ސަރަހައްދަށް ގެންނާނެ ބަދަލެއް އަދި އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވަނީ ހުޅުމާލޭ ދެވަނަ ފޭސްއާއި ދިމާލުން މޫދުގައި އަޅާފައިވާ ޑިންގީތައްވެސް އެސަރަޙަދުން އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ސަރަހައްދު ހުސްކުރަނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގެ މެދުން ކަނޑާފައިވާ ކޯރުގެ މަސައްކަތެއް ކުރުމަށްކަމަށް ކަމަށް އެޗްޑީސީން ބުނެއެވެ.