ޚަބަރު

މިއީ ދުވާލުކަން ޔަގީންވާ ފަދައިން ޔާމީންގެ ކުށެއް ނެތް: ޝިޔާމް

މިއީ ދުވާލުކަން ޔަގީންވާ ފަދައިން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް ސާބިތުވާނެ ކުށެއް ނެތްކަން ފަނޑިޔާރުން ގަބޫލު ކުރައްވަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ކޯޓްތަކުގައި ތިއްބެވީ ﷲއަށް ބިރުވެތިވާ ފަނޑިޔާރުން ކަމަށް ވާނަމަ މިއީ ދުވާލުކަން ޔަގީންވާ ފަދައިން ރައީސް ޔާމީންގެ މައްޗަށް ސާބިތުވާނެ ކުށެއް ނެތްކަން ގަބޫލު ކުރައްވާނެ ކަމަށެވެ.

"ގާނޫނުތައް ހިތުހުރި ގޮތަކަށް މާނަކޮށް ދައުލަތުން ރައީސް ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލަން،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމުގައި ބުނެފައިވެއެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނަގަން ކޯޓު އަމުރެއް ނެރެ ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!