ސިޔާސީ

އެމްޑީޕީން އެންމެ ފުރަތަމަ ރާއްޖެއަށް އިންޑިއާ ސިފައިން ގެނައީ ޓެކްނީޝަނުންގެ ގޮތުގައި: ތޯރިގު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު: ފޮޓޯ/މަޖިލިސް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވެރިކަމުގައި އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ގެނެސްފައި ވަނީ ޓެކްނީޝަނުންގެ ގޮތުގައި ކަމަށާއި، އެކަން އެގޮތަށް ކުރީ ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ބައިތިއްބަން ގާނޫނު ތަން ނުދޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެެއެވެ.

Ads by MWSC

އޭނާ މިހެން ވިދާޅުވެފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖެއަށް އެންމެ ފުރަތަމަ އިންޑިއާ ސިފައިން ގެނައީ، 2011 ވަނަ އަހަރު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ހެލިކޮޕްޓަރު ދުއްވުމަށް ކަމަށް ތޯރިގު ވިދާޅުވިއެވެ. ތޯރިގު ވިދާޅުވީ އޭރު އައި "ހަތިޔާރު ގެންގުޅޭ ޓެކްނީޝަނުން" އަދިއަދަށް ދާން ވެސް ތިބީ ހަތިޔާރާ އެކު ރާއްޖޭގައި ކަމަށެވެ.

ތޯރިގު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަން ބޭނުންވި ކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ ވެރިކަމެއްގައި އެކަން ނުކުރެވޭނެކަން އެނގޭތީ، މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ، ލީޑަރުންނާ އެކު މަޝްވަރާ ކުރައްވައިގެން، 2018ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު، ސުޕްރީމް ކޯޓުން އަމުރު ނެރުނީ، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ތޯރިގު ވިދާޅުވި ގޮތުގައި 1 ފެބްރުއަރީގައި ގެންނަން އުޅުނު "ބަޣާވާތް" ނާކާމިޔާބު ވުމުން، އިންޑިއާއިން ދެން ކުރި ކަމަކީ ރިޔާސީ އިންތިހާބަށް ނުފޫޒަށް ފޯރުވުމެވެ. އަދި އެ އިންތިހާބު ވަނީ އޮޅުވައިލައިފައި ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަށް ވެސް އޭނާ ފާޑުވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!