ޚަބަރު

ޖިންސީ ފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ: ޣައްސާން

މަސައްކަތްކުރާ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައާއި މިންތީގެ މައްޗަށް ބިނާވެފައިވާ އަނިޔާވެރި ޢަމަލުތައް ބަލައިނުގެނެވޭނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާނު މިހެން ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ކަމުގައި ބެލެވޭ ފަރާތަކުން ޓްރާންސްޕޯޓު މިނިސްޓަރު ޢައިޝަތު ނަހުލާ ކަމަށް ބެލެވޭ ފަރާތަކަށް ގުޅައި "ފްލާޓް" ކޮށް ވާހަކަދެއްކުމަށްފަހު ހަޑިހުތުރު ޢިބާރާތް ބޭނުންކޮށްފައިވާ އޯޑިއޯއެއް ލީކުވެފައި ވަނިކޮށެވެ.

ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރައާއި މިންތީގެ މައްޗަށް ބިނާވެ ހިންގޭ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމުގައެވެ. އަދި ޚާއްޞަކޮށް މަސައްކަތުގެ މާޙައުލުގައި އަދި ދައުލަތުގެ މުއައްސަސާތަކާއި ޢާންމު ޚިދުމަތް ދިނުމުގެ ދާއިރާގައި މިފަދަ ކަންކަމަށް ޖާގަދެވިގެން ނުވާނެ ކަމުގައި ޣައްސާނު ވިދާޅުވިއެވެ.

" 'ޒީރޯ ޓޮލަރެންސް' ގެ ސިޔާސަތު ރައްދުވާންޖެހޭނީ އެފަދަ ނޭއްގާނީ ޢަމަލުތައް ހިންގާ ފަރާތްތަކަށް. އެ ސިޔާސަތު އެކަންކަން ތިލަކޮށް ހާމަކުރާ "ވިސްލް ބްލޮވަރސް"އަށާއި މިފަދަ ޢަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްދުވެގެން ނުވާނެ." ޣައްސާނު ވިދާޅުވިއެވެ.

ލީކް ކޮށްލި އޯޑިއޯއާއެކު ގިނަ ބަޔަކު ދަނީ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!