ފާޑުކިޔުން ބޮޑުވެ، ވަޒީފާއާ ބެހޭ ގާނޫނުގެ އިސްލާހުތައް މުރާޖައާ ކުރަނީ
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން އާއްމުންގެ ކަންބޮޑުވުންތައް ހުރުމުން އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަދަލު ގެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި ފާޑުކިޔަމުންނެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާއެވެ. އީސަ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި ހަ މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލު ކުރެވިދާނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.
ސަލާމުގެ ޗުއްޓީ ދިނުން ލާޒިމުވާނީ މަސައްކަތަށް ނިކުންނަ ދުވަސްތަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ޕްރޮބޭޝަން މުއްދަތާއި ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެ އިސްލާހުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަމަށް ރަނގަޅު ހައްލެއް ހޯއްދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާހުގެ ބިލު ހުށަހެޅުއްވުމާއެކު އެމްޕީ އީސައަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާއިރު، މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ބިލަކީ އޭނާގެ ބެއްލެވުމުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ޑްރާފްޓުކުރި ބިލެއް ކަމަށެވެ. އަދި އެ ބިލާ އީސައާ ގުޅުމެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.