އިތުރު އޯޑިއޯއެއް، މިފަހަރު އަލީ ވަހީދުގެ ހުތުރު ބަސްތައް ނަޝީދަށާއި ނަހުލާއަށް!
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަށް ހުތުރު ބަސްތައް ވިދާޅުވާ އާ އޯޑިއޯއެއް ލީކް ވެއްޖެ އެވެެ.
އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާއަށް ބަޔަކު ލީކް ކުރަމުން އަންނަ އޯޑިއޯތަކުގެ ތެރެއިން ރޭ ލީކްކޮށްލި އޯޑިއޯގައި ވެސް އަލީ ވަހީދާ އެކު ވާހަކަ ދައްކަވާފައިވާ ކަމަށް ބެލެވެނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދުއެވެ،
އޯޑިއޯއިން އިވޭ ގޮތުގައި އަލީ ވަހީދާއި އަޑުބަރޭ ފުރަތަމަ އެއްޗެހި ކިޔުއްވަނީ ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެއަށް ފަހު ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއާ ބެހޭ ގޮތުން ވަރަށް ހުތުރުކޮށް ވާހަކަ ދައްކަވަ އެވެ.
އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާ ވަނީ ނަހުލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ނަހުލާ އޭނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށާ އިތުރު ބަޔަކާއެކު އެކަން ކުރަން ވެސް އެންމެ ރަނގަޅު ކަމަށް ބުނާ އަޑު އިވެއެވެ.
މީގެ އިތުރުން ރިސޯޓަށް ނުވަތަ ސަފާރީއަކަށް ގޮސް ފާހިޝް އަމަލުތަކެއް ހިންގަން ރާވާކަމަށް ދޭހަވާ ވާހަކަތަކެއް ވެސް އެ އޯޑިއޯ އިން އިވެ އެވެ.
އެންމެ ފުރަތަމަ ލީކް ކުރި އޯޑިއޯގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް، އަލީ ވަހީދު ކަމަށް އޯޑިއޯގައި ބުނާ ފަރާތް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އޯޑިއޯއެކެވެ. އެގޮތުން މިނިސްޓަރު އަމީންއަކީ އަބަދުވެސް ހެދިކާ ކައިގެން ދެ ފޮޓޯގްރާފަރުން ފަހަތު ލައިގެން މުޅިން ވެސް ޓްވިޓާއަށް ކަންކަން ކުރާ މިނިސްޓަރެއް ކަމަށް އޭނާ ބުނެ އެވެ.
އެކަމަކު މި އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި ތަހުގީގު ހިންގުމުން މައްސަލަ ވަރަށް ސާފު ވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.