ޚަބަރު

ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވޭ، ވަކާލާތު ކުރާނަން: ޝިޔާމް

ދެން އެމްވީ ، ދެން އޮންލައިން

ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވާ ކަމަށާއި އެކަންކަމަށް މަޖިލީހުގައި ވަކާލާތު ކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާއެވެ.

އީސަ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި ހަ މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލު ކުރެވިދާނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

ސަލާމުގެ ޗުއްޓީ ދިނުން ލާޒިމުވާނީ މަސައްކަތަށް ނިކުންނަ ދުވަސްތަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ޝީޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ތަކުލީފު އިތުރުކޮށް ނިކަމެތި ކުރުވާ އިސްލާހުތަކެއް އެބަހުރި ކަމަށެވެ.

"ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ 23 އިސްލާހުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ތަކުލީފު އިތުރުކޮށް ނިކަމެތި ކުރުވާ އިސްލާހު ތަކެއް ހުރުމީ ނުހަނު ކަންބޮޑުވާ ކަމެއް. މިކަމަށް ވަކާލާތު ކުރާނަން." ޝިޔާމް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން އާއްމުންގެ ކަންބޮޑުވުންތައް ހުރުމުން އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަދަލު ގެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރޭ ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!