އެޑްވަޓޯރިއަލް ވިޔަފާރި

232 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުން ށ. އަތޮޅަށް ފާގަތިކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ:އެމްޑަބްލިޔުއެސްސީން

ށ އަތޮޅުގެ ރަށްތަކުގައި މިހާރު 232 މިލިޔަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕޭނީ (އެމްޑަބްލިޔުއެސްސީ) ހާމަކޮށްފިއެވެ.

Ads by Hajj Corporation

އެމްޑަބްލިޔުއެސްސީއިން މިއަދު ވިދާޅުވީ، އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް ސަރުކާރުން ވަނީ އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްފައިވާކަން ފާހަގަ ކުރައްވަމުން އެ ކުންފުނިން ވިދާޅުވީ، މި ހުރިހައި މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށި މިހާރު ދަނީ ބާރަށް ކުރިއަށެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 1.76 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޑަބްލިޔުއެސްސީން ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ތެރޭގައި، ށ. ފީވަކުގެ ފެނުގެ ނިޒާމާއި ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ.

މިގޮތުން ށ. ފީވަކުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި 9.18 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށް ޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، މިމަސައްކަތުގެ ތެރޭގައި ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ

ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމުގެ މަސައްކަތްތަކާއި ފެން ތާނގީތަކުގެ ފައުންޑޭޝަން އެޅުމުގެމަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމާއި، ނަރުދަމާ ނިޒާމުގެ 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން ގޭގޭގައި ފެންމީޓަރާއި ނަރުދަމާގެ ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެމަޝްރޫޢުގެ އަގަކީ ޖުމްލަ 135.65 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ނިމުމުން ށ. ގޮއިދޫ އަދި ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށާއި އަދި ހަމައެހެންމެ، މި ދެ މަޝްރޫޢުގެ ތެރެއިން މި ދެރަށުގައި ޖުމުލަ 15 ވަޒީފާއެއް އުފެދި މި ދެރަށުގެ ރައްޔިތުންނަށް މި ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ، މި ދެ މަޝްރޫޢުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ވެސް ފެން ކުންފުނިން ވަނީ ށ. އަތޮޅަށް އައިސްފައިވާ ތަރައްޤީގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ށ. ކަނޑިތީމުގެ ފެނުގެ ނިޒާމާއި ށ. މިލަންދޫގެ ފެނާއި ނަރުދަމާ ނިޒާމު އެމް.ޑަބްލިޔު.އެސް.ސީން ޤާއިމުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!