ފަތުރުވެރިކަމަށް ހާއްސަކޮށް އަހަރީ އެވޯޑެއް ދެނީ

ފަތުރުވެރިކަމުގެ އަހަރީ އެވޯޑް ނަމުގައި ކޮންމެ އަހަރަކު ވެސް އެވޯޑް ދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި އަހަރުން ފެށިގެން ފަތުރުވެރިކަމަށް ހާއްސަ އަހަރީ އެވޯޑްތަކެއް ދޭން ނިންމައިފައިވާ ކަމަށާއި އެވޯޑަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫނުގައި ހުޅުވައިލާނެ ކަމަށެވެ.
ފަތުރުވެރިކަމުގެ އަހަރީ އެވޯޑްތައް ދޭން ނިންމައިފައިވާ ދާއިރާތަކުގެ ތެރޭގައި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންތައްތައް ފަހިކޮށްދިނުމުން ދޭ 4 އެވޯޑް އަދި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ 3 އެވޯޑް ހިމެނެއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާ ފަހިކޮށް ދިނުމުގެ ގޮތުން ދޭ އެވޯޑް، ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އެވޯޑް، މީހުން ބިނާ ކުރުމަށް ބާރު އެޅުމަށް ދޭ އެވޯޑް އަދި އަންހެނުންނަށް ވަޒީފާ ފަހިކޮށްދިނުމުގެ ގޮތުން ދޭ އެވޯޑް ވެސް ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި އަހަރު ދޭން ފަށާ މި އެވޯޑްތައް ކޮންމެ އަހަރަކު ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.