ޚަބަރު

ކޮމިޓީގައި އެމްއޭސީއެލުން ދޮގު ހެދިކަމުގެ ހެކި އެބަހުރި: ޔައުގޫބް

ދެން އެމްވީ ، ދެން އޮންލައިން

ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ރައްޔިތުން މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އެމްސީއެލުން ދޮގު ހަދާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް ޢަބްދުﷲ ވިދާޅުވެފައިވެއެވެ.

Ads by MWSC

ރައްޔިތުން މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ބޯޑުގެ މެންބަރު ޑރ. އިބްރާހީމް މަހުފޫޒު ވިދާޅުވެފައިވަނީ އެމްއޭސީއެލުގެ ފަރާތުން ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން އެމްއޭސީއެލުގެ ބޯޑުގައި އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައިނުވާނެ ކަމުގައެވެ.

ނަމަވެސް ޔައުގޫބް ވިދާޅުވެފައިވަނީ އެމްއޭސީއެލުގެ ބޯޑު ބައްދަލުވުމުގެ ޔައުމިއްޔާތަކުން ފެންނަ ގޮތުގައި އެމްއޭސީއެލުން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ބޯޑުގައި މަޝްވަރާކޮށްފައިވާކަން ފެންނަން އެބަ އޮތް ކަމުގައެވެ.

ޔައުގޫބް ފާހަގަކުރެއްވި ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހު އޮތް އެމްއޭސީއެލުގެ 255 ވަނަ ބޯޑު ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި އެއިރު ބޯޑުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއް މިހާރުވެސް އެބޯޑުގެ މެންބަރުންގެ ގޮތުގައި އެބަ ތިއްބެވި ކަމަށާއި އެއީ ޑރ.އިބްރާހީމް މަހުފޫޒާއި މުޙައްމަދު ޢަބްދުއްސައްތާރު ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ގާނޫނު އަސާސީގައި މަޖިލިހުގައި ވާހަކަދައްކާންވާނީ ތެދު ބަހުން ކަމުގައި ބަޔާންކޮށްފައިވަނިކޮށް މަޖިލިހުގައި ދޮގު ހެދި ބޯޑަކުން ސަރުކާރުގެ ނިންމުން ތަންފީޒުކުރާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!