ކުރު މީހުންނަށް އުފާވެރި ހަބަރެއް
އިސްކޮޅުން ކުރުވުމަކީ ބައެއް ހާލަތްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. ބައެއް މީހުން ކުރުވުމުގެ ސަބަބުން ކޮންސެޓް ތަކާއި ސިނަމާ ތަކުގައި ހަމައެކަނި ދިގު މީހުންގެ ބޮލަށް ބަލާލައިފައި ގެއަށް ދާން އެބަޖެހެއެވެ. ގިނަ ، ކުރު މީހުންނަށް މިކަން ވަރަށް ރަނގަޅަށް ވާނީ ތަޖުރިބާ ކުރެވިފައެވެ.
ނަމަވެސް ކުރު މީހުންގެ މި މައްސަލައަށް އިނގިރޭސި ވިލާތުގެ ޑިޒައިނަރ މި ވަނީ ހައްލެއް ހޯދާފައެވެ. ޑޮމިނިކްސް ވިލްކޮފް އުފައްދާފައިވާ އެއްފޫޓު ދިގު އައިނުން މި ވަނީ ކުރު މީހުންގެ ވަރަށް ގިނަ މައްސަލަތަކަށް ހައްލެއް ގެނެސްދީފައެވެ. މި އައިނު ތައްޔާރު ކޮށްފައިވަނީ " މިރަރޑް އެކްރައިލިކް ޝީޓް" އެއް ބޭނުން ކޮށްގެން އެއް ފޫޓު ދިގުކޮށް އެހެން މީހުންގެ ބޯ މަތިންވެސް ފެންނަ ގޮތަށެވެ.
ވިލްކޮފް ބުނި ގޮތުގައި ކުރު މީހުންގެ މި މައްސަލަ އޭނާ އަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ކަމުގައެވެ. އަދި މިފަދަ އީޖާދެއް ކުރުމަށް ހިޔާލު އައީ އޭނައަށް ކޮންސެޓެއްގައި ކުރު އަންހެނަކަށް ބޭންޑު ނުފެނި ވެސް އެ ލަވަތަކަށް ނަށަމުން ދިޔަ މަންޒަރު ފެނުމުން ކަމުގައި ވިލްކޮފް ބުނެފައިވެއެވެ. މިއީ ކުރު މީހުންނަށް އޭނާގެ ފަރާތުން ދިން ހަދިޔާއެއްގެ ގޮތުގައި ވިލްކޮފް ވަނީ ސިފަކޮށްފައެވެ.
މި އައިނު އަދި މާރކެޓަށް ނެރެފައި ނުވާއިރު ވިލްކޮފް ގެ މި ޑިޒައިނުގެ ސަބަބުން އެހެން ޑިޒައިނަރުންނާއި އައިނު އެފައްދާ ފަރާތްތަކުން މިފަދަ އައިނުތަކެއް ތައާރަފްް ކުރާނޭ ކަމަށް ލަފާކުރެވެއެވެ.