ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތައާރަފުކޮށް ދޫކުރަން ފަށައިފައިވާ ގެދޮރުވެރިޔާ ލޯނު 96 ފަރާތަކަށް ދިނުމަށް އެޕްރޫވްކުރި ނަމަވެސް އެއްބަސްވުމުގައި ސޮއިކުރީ އޭގެ ތެރެއިން 26 ފަރާތަކާ އެކުކަމަށް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ ޅ. ނައިފަރުގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމައި ކައުންސިލާ ހަވާލުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން އަސްލަމް ވިދާޅުވީ އެޕްރޫވްކުރި ނަމަވެސް ލޯނު އެއްބަސްވުންތަކުގައި ސޮއިނުކުރެވި ލަސްވަމުންދަނީ އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް މާލެ ނުދެވިގެންކަމަށެވެ.
މިލޯނު އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދަނީ ކޯޓުގައިކަމަށް ވާތީ ސީދާ އިމާރާތުގެ ވެރިމީހާ ކޯޓަށް ހާޒިރުވާންޖެހެއެވެ. އަސްލަމް ވަނީ މިކަން ބާރު ސްޕީޑުގައި ކުރިޔަށް ގެންދިޔުމަށް ޓަކައި، މާލޭގައި ހުރި ކޮންމެ ވެސް މީހަކަށް ގޭގެ ޕަވަރ އޮފް އެޓާނީ ވަގުތީ ގޮތުން ހަވާލުކުރަން އެދިވަޑައިގެންފައެވެ. ސޮއިކޮށް ނިމުމުން އެ ބާރު އަލުން ވެރިފަރާތަށް ނެގުމުން ލޯނު އެހެން މީހަކާ ހަވާލު ނުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
ލޯނުގެ އިތުރުން ވެސް ރައްޔިތުންގެ ތަރައްގީއަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުގެ ފުދުންތެރިކަން ކުރި މިންވަރަކުން ކުރިއަށް ގެންދަވާކަމަށް އަސްލަމް ވިދާޅުވިއެވެ.
"ރާއްޖޭގެ އެތަން މިތަނުގައި އެކި ޒާތުގެ އުމްރާނީ މަސައްކަތްތައް ކުރަމުން އެބަ ގެންދޭ. ރައްޔިތަކު ބިނާކުރުމަށް ޓަކައި މީހުންނަށް ތަމްރީނު ދިނުމަށް ސަރުކާރުން ބޮޑު ހޭދަ ކުރަމުން އެބަގެންދޭ" އަސްލަމް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ހާލަތުގައި ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރަމުން ގެންދާތީ އެކަމާ ރައްޔިތުން ސުވާލު އުފައްދަމުން ދާކަމަށް އަސްލަމް ވިދާޅުވިއެވެ. އެ ގޮތުން އެ ހުރިހައި މަސައްކަތްތަކެއް ކުރަން ފައިސާ ހޯދަނީ ކިހިނެއްތޯ ޅ. އަތޮޅު ހިންނަވަރުން ބައްދަލުވި ރައްޔިތަކު ވެސް އެހިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެއާ އެކު އަސްލަމް ވިދާޅުވީ އެ ސުވާލު ކުރުމަށް ފަހު އެމީހާ އޭގެ ޖަވާބު ވެސް ދިންކަމަށެވެ.
"ތިމަންނާ ބުނަމޭ ތިމަންނާ ކައިރީގައި މީހުން އެހެން އެހީމަ ލާރި ހުންނާނެނުންހޭ ކުރީގައި ކުރާ ގޮތަކަށް މިހާރަކު ވައްކަމެއް ނުކުރެޔޭ" އަސްލަމް ވިދާޅުވިއެވެ.
ރައީސް ޞާލިހާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ވަނީ ފެލިވަރަށް ވެސް ވަޑައިގެންފައެވެ. އެ ރަށަކީ މަސްދަޅު ބަންދުކުރާ ކާރުހާނާ ހުންނަ ރަށެވެ. އަސްލަމް ވިދާޅުވީ އެ ރަށުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްތެރިން އުޅޭކަން ފާހަގަކުރެވުމުން ޅ އަތޮޅުގައި ހައިސްޕީޑް ފެރީގެ ހިދުމަތް ފެށުމުގެ މުހިންމުކަން އެނގުނު ކަމަށެވެ. އެހެންކަމުން ދަތުރުފަތުރުން ރާއްޖެ ގުޅައިލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން އެ މަޝްރޫއު އެންމެ ފުރަތަމަ ފަށާނެ ރަށްތަކުގެ ތެރޭގައި ޅ. އަތޮޅުގެ ރަށްތަށް ހިމަނާނެކަމަށް އަސްލަމް ވިދާޅުވިއެވެ.