ބިލާލް ފިލިޕްސް ރާއްޖެ ގެންނާކަށް ނުފެނޭ: ނަޝީދު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"ތަހައްމަލު ކުރުމާއި، ސުލްހަ އާއި އަމާންކަން" މައުޟޫއުގެ ދަށުން ދިވެހި ޒުވާނުންނަށް ނަސޭހަތް ދިނުމަށް މާޗް 12 އިން 18 އަށް ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަންނަވާނެކަން މިއަދު އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ.ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ.
"އެ ބޭފުޅާ ރާއްޖެ ގެންނާކަށް ނުފެނޭ" ނަޝީދު ވިދާޅުވިއެވެ.
މިކަމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކަމަށްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި މާފަނުން އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް އަޑުއުފުލާފައެވެ.
އީވާ ވިދާޅުވީ ބިލާލު ފިލިޕްސްއަކީ ހަރުކަށި ފިކުރާއި އަނިޔާވެރި ޢަމަލުތަކަށް ގޮވައިލައްވާ ބޭފުޅެކެވެ. އަދި އަންހެނުންނަށް އަނިޔާވެރިވުމަށް ބިލާލް ފިލިޕްސް ބާރުއަޅުއްވާ ކަމުގައިވެސް އީވާ ތުހުމަތުކުރައްވާފައިވެއެވެ. އަދި އޭނާ އަކީ ޑިމޮކްރަސީއާމެދު ފަނާކުރުވަނިވި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމުގައިވެސް އީވާ ތުހުމަތުކުރައްވާފައިވެއެވެ.
އިންތި ވިދާޅުވި ގޮތުގައި ބިލާލް ޕިލިޕްސް އަކީ ރަނގަޅު އިލްމުވެރިއެއް ނޫން ކަމަށާއި އޭނާގެ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުން، ވަރަށް ގިނަ ގައުމުތަކުން އޭނާ ދިއުން މަނާ ކޮށްފައިވާ ކަމަށެވެ.