މިފްކޯއިން މަސްދަޅުގެ އަގު ބޮޑު ކުރަނީ

މިފްކޯއިން ވިއްކަމުން އަންނަ މަސްދަޅުތަކުގެ އަގު ބޮޑުވާނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ފައުޒީ މިއަދު ވިދާޅުވީ، މާދަމާއިން ފެށިގެން މަސްވެރިންގެ އަތުން މަސްގަންނާނީ މިހާރު ގަންނަ އަގަށް ވުރެ ބޮޑު އަގެއް ކަމަށާއި އެހެން ކަމުން، މަސްދަޅުގެ އަގު ވެސް ބޮޑުވާނެ ކަމަށެވެ. މަސްދަޅުގެ އަގަށް ގެންނަ ތަފްސީލެއް ފައުޒީ ހިއްސާ ކުރައްވައިފައެއް ނުވެއެވެ.
މާޗު މަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތުމުގައި އެ ވަގުތަކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަށް ބެލުމަށް ރައީސް ޞާލިޙް ވަނީ މިފްކޯއަށް އަންގަވައިފައެވެ. އެ ބަދަލަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.
ފައުޒީ ވިދާޅުވީ، މަސްދަޅުގެ އައު އަގުތަކުގެ ތަފްސީލު މިފްކޯގެ ސޭލްސް ޓީމުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.
މިފްކޯ މިހާރު ހިންގަމުން އަންނަނީ އެސްޓީއޯގެ ދަށުންނެވެ. އެހެން ނަމަވެސް މި އަހަރުގެ މެދެއްހައި ތަނުގައި އެސްޓޯއިން ވަކިކޮށް، އަމިއްލަ ކުންފުންޏަކަށް މިފްކޯ ހައްދަވާނެ ކަމަށް ރައީސް ޞާލިޙް ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުފައެވެ.