ޚަބަރު

އަދުހަމަށް މަސްތުވާތަކެތި ދިން ކަމަށް ކުރި ތުހުމަތު ފުލުހުން ދޮގުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމުގެ ދައުވާ ލިބޭ މުހައްމަދު އަދުހަމަށް ފުލުހުން މަސްތުވާތަކެތި ދިން ކަމަށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ކުރި ތުހުމަތު ފުލުހުން ދޮގުކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުން އަދުހަމަށް މަސްތުވާތަކެތި ދީގެން އޭނާ ކޯޓަށް ހާޒިރުކުރީ މަސްތުގެ ޙާލަތުގައި ބަހައްޓައިގެން ކަމުގައި ބުނެ އޭނާ ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދި އަދުހަމަށް މަސްތުވާތަކެތި ގަނެފައި ފުލުހުން ދިން ކަމަށް ބުނެ އޭނާ ދެއްކި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ދޮގެއް ކަމުގައިވެސް އިޒްމިއާ ވިދާޅުވިއެވެ.

އޭގެ އިތުރުން އިޒްމިއާ ވިދާޅުވީ އަދުހަމު، މިއަދުގެ ޝަރީޢަތުގެ މަޖިލިހުގައި ދަޢުވާއަށް އިންކާރުކުރި ނަމަވެސް އޭނާގެ މައްޗަށް ޤާސިމް ޙަސަންގެ ޤަތުލު ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ އެބަހުރި ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ކުށަށް އިއުތިރާފްވުމަށް ފަހު މިއަދު ބޭއްވި އަވަސް ނިޔާ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ދައުވާއަށް އިންކާރުކޮށް، ފުލުހުންނަށް ބޮޑު ތުހުމަތެއް ކޮށްފަ އެވެ.

އޭނާ ބުނީ ގަސްދުގައި މީހަކު މަރާފައި ނުވާނެ ކަމަށާއި، ކުރިން އިއުތިރާފްވީ މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ. އަދި އޭނާ ކޯޓަށް ގެންނަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށް ވެސް ތުހުމަތު ކުރި އެވެ. އަދުހަމް ބުނީ އޭނާ އަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދިއުމުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!