ޚަބަރު

ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުގެ ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނީ އިހުލާސްތެރި ހެޔޮ ނިޔަތެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޖުޑިޝަލް އަހަރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް މީހަކު ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަސް ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައި އޮންނަ ކަމަށެވެ. އެހެން އޮންނަނީ އެ ހައްގުތައް ހިމާޔަތް ކުރުމުގެ އެންމެ މުހިއްމު އެއް ޒިންމާ ފަނޑިޔާރުންނަށް މަތިކޮށްފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ދައުލަތް ހިނގަމުން އަންނަނީ ދައުލަތުގެ ތިން ބާރަށް ގާނޫނުއަސާސީން ކަނޑައަޅައި ދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި، ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަން. އަދި އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އަޅުގަނޑު ނުވެސް ކުރާނަން،" އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުޅި ޝަރުޢީ ނިޒާމަށް ބަލާއިރު، ކޯޓުތަކުން ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަށް އިދާރީ ހިންގުން ބަދަލުވަމުން އަންނަކަމީ، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ހުރިހާ ކޯޓުތަކެއް އެއް ވިއުގައަކުން ގުޅާލެވި، ކޯޓުތަކުގެ މެދުގައި މުޢާމަލާތު ކުރެވޭނެ ފަސޭހަ އިންތިޒާމެއް، މިހާރު ހަމަޖެހިފައި އޮތުމަކީ ވެސް، ކޯޓުތަކުގެ ހިންގުމަށް އައި ހެޔޮ ބަދަލެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް މަސައްކަތް ކުރާނެ ފަނޑިޔާރުގެއެއް ގާއިމު ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ މަތީގައި ކުރިއަށް ދާނެ ކަމަށެވެ. އެ ކަމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ކުރިއަަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!