ހޮލިޑޭޗެކް ޚާއްސަ އެވޯޑްގައި މި ފަހަރު ވެސް ސަމަރ އައިލެންޑާއި އެނބޫދޫ ވިލެޖު!

ކައިމޫއިން ހިންގާ ސަމަރ އައިލެންޑް މޯލްޑިވްސްއާއި އެނބޫދޫ ވިލެޖު ، ހޮލިޑޭ ޗެކް ޚާއްޞަ އެވޯޑްގައި މި އަހަރު ވެސް ހިމެނިއްޖެއެވެ.
މިއީ މި ދެ ރިސޯޓަށް ޖެހިޖެހިގެން މި އެވޯޑް ލިބުނު ތިންވަނަ އަހަރެވެ.
ހޮލިޑޭ ޗެކްއަކީ ޖަރުމަނު ބަހުން ވާހަކަ ދައްކާ ގައުމުތަކުގައި މިނިވަންކަމާ އެކު ބަލާ އެންމެ ބޮޑު ހޮޓެލްސް ރިވިއުއެވެ. މި ރިވިއުގެ ބޭނުމަކީ ފަތުރުވެރީންގެ ޝައުގުތަކާ ގުޅޭ އެންމެ އެކަށީގެންވާ ރިސޯޓް،ގެސްޓްހައުސް އިޚްތިޔާރުކުރުމުގައި އެ މީހުންނަށް އެހީތެރިވެދިނުމެވެ. މި އެވޯޑް ދެވެނީ ކަސްޓަމަރުންގެ މެދުގައި މެދުކެނޑުމެއްނެތި 90އިން ސައްތަ ހޯދާ މަންޒިލްތަކަށެވެ.
މި އެވޯޑާ ގުޅިގެން ކައިމޫގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މާނިޙް އަޙުމަދު ވިދާޅުވީ ޖެހިޖެހިގެން ތިން އަހަރު މި އެވޯޑް ލިބުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"(މި އެވޯޑުން) އެނގިގެން ދިޔައީ ރިސޯޓްގެ މުވައްޒަފުން ދޭ ފުރިހަމަ ޚިދުމަތް، އަޅުގަނޑުމެންގެ ރިސޯޓް ރިވިއުކޮށްދެއްވި ހުރިހައި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން ، އެ މީހުންގެ ޕޮސިޓިވް ރިވިއުއާ ނުލައި މި އެވޯޑެއް ނުލިބޭނެ" މާނިހް ވިދާޅުވިއެވެ.
މި އަހަރުގެ ހޮލިޑޭ ޗެކް އެވޯޑްގައި ރާއްޖޭގެ 16 ރިސޯޓެއް ހިމެނުނެވެ. އޭގެ ތެރެއިން 13ވަނަ އެނބޫދޫ ހޯދިއިރު ސަމަރ އައިލެންޑް ވަނީ 8ވަނަ ހޯދައިފައެވެ.

1979ވަނަ އަހަރު ވުޖޫދުވި ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 6 ޕްރޮޕަޓީއެއް މެނޭޖްކުރާ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ރިސޯޓްތަކަކީ ވަރަށް ގިނަ ދިވެހީންގެ ވެސް މަގުބޫލް މަންޒިލެކެވެ.