ރިޕޯޓު

ޑޮކްޓަރ ބިލާލް ފިލިޕްސްއަކީ ކޮން ބޭފުޅެއް؟

ޑރ.އަބޫ އަމީނާ ބިލާލް ފިލިޕްސް އަކީ ޖެމެއިކާއަށް އުފަން ކެނެޑާގެ ދީނީ ޢިލްމުވެރިއެކެވެ. 1970 ގެ ކުރީ ކޮޅުގައި ޑރ. ބިލާލް ފިލިޕްސް އިސްލާމްވެ ވަޑައިގަތީ ސިޔާސީ އަދި ފިކުރީ ގޮތުން ނަޞާރާދީނާއި، ކޮމިއުނިޒަމް ތަޖުރިބާ ކުރެއްވުމަށްފަހުގައެވެ. އިސްލާމްވެ ވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ފަހުން ދީނީ ޙާސިލް ކުރެއްވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތެވެ. މަދީނާގައި އިސްލާމީ ތަޢުލީމުން ފުރަތަމަ ޑިގްރީ އަދި ރިޔާޟުން ޢަޤީދާއިން މާސްޓާރސް ޑިގްރީ ޙާޞިލް ކުރެއްވިއެވެ. އެއަށްފަހު 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައި އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވޭލްސް އިން ޢަޤީދާ އިން ޕީއެޗްޑީ ޙާޞިލް ކުރެއްވިއެވެ.

މަދީނާ ޔުނިވަރސިޓީއިން އިން ދަސްވެނިވެ ވަޑައިގަތުމަށްފަހު ޑރ.ބިލާލް ރިޔާޟުގެ އިސްލާމިކް ހައި ސްކޫލެއްގައި 10 އަހަރު ވަންދެން އިސްލާމިކް ސްޓަޑީޒް ކިޔަވައިދެއްވިއެވެ. އެއަށްފަހު ދުބާއީގައި ހުންނަ އެމެރިކަން ޔުނިވަރސިޓީގައި 10 އަހަރުވަންދެން ޢަރަބި އަދި އިސްލާމިކް ސްޓަޑީޒް ކިޔަވައިދެއްވިއެވެ. ޔޫ.އޭ.އީގައި އުޅުއްވި ދުވަސްވަރު ދުބާއީގައި އިސްލާމިކް އިންފޮމޭޝަން ސެންޓަރ އުފައްދަވައި އެތާގައި ވެސް ކިޔަވައި ދެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. ޖެހިގެން އައި 7 އަހަރު ހޭދަކުރެއްވީ ޤަތަރުގައެވެ. އެ މުއްދަތުގައި އިސްލާމިކް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ހަމަ އެހެންމެ، ޝެއިޚް ޢީދު ޗެރިޓީގެ އިސްލާމީ މަޢުލޫމާތާއި ބެހޭ ގޮފީގެ ދާރިސަކަށް ވެސް މަސައްކަތް ކުރެއްވިއެވެ.

ޑރ.ބިލާލް ވަނީ އިސްލާމް ދީނުގެ އެކި މަޢޫޟޫޢުތަކާ ބެހޭ ގޮތުން 50ށްވުރެ ގިނަ ފޮތް ލިޔެ، ތަރުޖަމާ ކުރައްވާފައެވެ. އަދި ކުޑަކުދިންނަށް އަމާޒު ކޮށްގެން ނެރުނު އީމާން ރީޑިން ސީރީސްގެ 56 ފޮތް އެޑިޓް ކުރައްވާ ޝާއިޢު ކުރައްވާފައެވެ. މީގެ އިތުރުން ރިޔާޟް ޗެނަލް 2 އަދި ޝަރްޖާ ޓީ.ވީ އަށް 10 އަހަރު ވަންދެން އިސްލާމްދީނާއި ގުޅޭ ޕްރޮގްރާމްތައް ހުށައެޅުއްވިއެވެ. މި ޗެނަލް ތަކުގެ އިތުރުން ޕީސް ޓީ.ވީ، ހުދާ ޓީ.ވީ، އިނގިރޭސި ވިލާތުގައި ހިންގާ އިސްލާމް ޗެނަލް އަދި އެމެރިކާގެ ޝިކާގޯގައި ހިންގާ ދަ ދީން ޝޯ އިން ހިންގި ޕްރޮގްރާމް ތަކުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޑރ.ބިލާލް ވަނީ 2002 ވަނަ އަހަރު ޔޫ.އޭ.އީގެ އަޖްމަންގައި ހުންނަ ޕްރެސްޓަން ޔުނިވަރސިޓީގައި އިސްލާމިކް ސްޓަޑީޒް ޑިޕާޓްމަންޓް އުފައްދަވާ އެ ޑިޕާޓްމަންޓްގެ ވެރިއަކަށް ވެސް ހުންނަވާފައެވެ. އަދި 2007 ވަނަ އަހަރު ދޯހާގައި އިސްލާމިކް ސްޓަޑީޒް އެކަޑަމީއެއް އުފެއްދެވުމާއި އެކު ހަމަ އެ އަހަރު އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައި.އޯ.ޔޫ) ވެސް އުފެއްދެވިއެވެ. އޮންލައިން ކޮށް ހިލޭ އިސްލާމީ ތަޢުލީމު ފޯރުކޮށްދޭ މި މުޢައްސަސާގައި 207 އަށްވުރެ ގިނަ ޤައުމު ތަކުން 100،000 އަށްވުރެ ގިނަ ދަރިވަރުން ދަނީ އުނގެނެމުންނެވެ.

އައި.އޯ.ޔޫ ފެށިގެން އައީ ހިލޭ ކިޔެވޭ ޑިޕްލޮމާ ކޯސްތަކަކުން ނަމަވެސް، ފެށުނުތާ އެންމެ 3 އަހަރު ފަހުން ޑިގްރީ ކޯސްތައް ފެށިގެން އައެވެ. އައި.އޯ.ޔޫ ގެ ބެޗެލާރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް ކޯސް ފަރުމާކޮށްފައިވަނީ މަދިނާގެ އިސްލާމީ ޔުނިވާސިޓީއާއި، މިޞްރުގެ އަލް އަޒްހަރު ޔުނިވާސިޓީ އާއި، ސޫދާންގެ އިސްލާމީ ޔުނިވާސިޓީގެ މަންޙަޖުތަކަށް ބިނާކޮށްފައެވެ. މިއަދު މި ޔުނިވާސިޓީގެ 7 ކޮލެޖެއް ވުޖޫދަށް އައިސްފައިވެއެވެ. އަދި އެ ހުރިހާ ތަނަކުން ވެސް އެކްރެޑިޓްކޮށްފައިވާ ކޯސްތައް ކިޔަވައިދެއެވެ. މި ކޮލެޖެ ތަކަކީ، ތަޢުލީމާއި، އިސްލާމީ އިޤްތިޞާދާއި، ބޭންކިންގ އެންޑް ފައިނޭންސް، ސައިކޮލޮޖީ، އިސްލާމިކް ސްޓަޑީޒް، ވިޔަފާރި، އައި.ޓީ، ޢަރަބި ބަސް އަދި ލިންގުއިސްޓިކްސް އާ ބެހޭ ކޮލެޖުތަކެވެ. މީގެ އިތުރުން އައި.އޯ.ޔޫ ގެ ޤުރުއާން ޙިފްޒުކުރުމާ ބެހޭ މަރުކަޒުން (ގްލޯބަލް ޤުރުއާން މެމޮރައިޒޭޝަން ސެންޓަރުން) ދުނިޔޭގެ އެކި ޤައުމުތަކުގެ ދަރިވަރުންނަށް ކީރިތި ޤުރުއާން އޮންލައިންކޮށް އުނގެނުމުގެ ފުރުސަތުވަނި ފަހިކޮށްފައެވެ. އެފްރިކާގެ ފަގީރު ޤައުމުތަކުގައި އިނގިރޭސިބަސް ކިޔަވައިދިނުމަށް ވެސް އައި.އޯ.ޔޫ އިން ވަނީ ޕްރޮގްރާމްތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ގެމްބިޔާ، ސޯމާލިލޭންޑް އަދި ގިނީ ބިސާއޮ ހިމެނެއެވެ. އައި.އޯ.ޔޫ ގެ އުފެދުން ވެގެން ދިޔައީ އިސްލާމީ ތަޢުލީމު ޙާޞިލުކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި ދީން އުނގެނެން ބޭނުންވެފައި ތިބި އެތައް ބަޔަކަށް ލިބުނު ވަރަށް ބޮޑު ލުއި ފަސޭހައަކަށެވެ.

އައި.އޯ.ޔޫ އުފަން ވުމާއެކު ޑރ.ބިލާލް ގެ ނަންފުޅު ވަނީ އުރުދުނުން ނެރޭ ”ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުން“ ގެ ލިސްޓުގައި ވެސް ހިމެނިފައެވެ. ޖެހިގެން އައި އަހަރު ޑރ.ބިލާލް ވަނީ ނޮލެޖް އިންޓަރނޭޝަނަލް ޔުނިވަރސިޓީގައި އިނގިރޭސި މީޑިއަމުން ކިޔަވައިދޭ އިސްލާމިކް ޑިޕާޓްމެންޓް އުފައްދަވާ އެ ޑިޕާޓްމެންޓްގެ ވެރިއަކަށް ހުންނަވާފައެވެ. މި ޔުނިވަރސިޓީގެ ޗާންސެލަރ އަކަށް އޭރު ހުންނެވީ ޝެއިޚް ޑރ.ޢަބްދުއްރަޙްމާން އިބްނު ޢަބްދިލް ޢަޒީޒް އައްސުދައިސް އެވެ. އަދި މި ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީޒްގެ ރައީސަކަށް ހުންނެވީ ސަޢޫދީ ޢަރަބިއްޔާގެ މުފްތީ ޝެއިޚް ޢަބްދުލްޢަޒީޒް އިބްނު ޢަބްދުﷲ އާލް އައްޝައިޚް އެވެ. 2009 ވަނަ އަހަރު ޑރ.ބިލާލް ފިލިޕްސް ވަނީ ސޫދާނުގެ އޮމްޑަރމަން އިސްލާމިކް ޔުނިވަރސިޓީގައި ކޮލެޖް އޮފް ދަޢުވާ އެންޑް އިސްލާމިކް ކަލްޗަރ އުފައްދަވާ އެ ތަނުގެ ވެރިއަކަށް ހުންނަވާފައެވެ. އަދި ހަމަ އެހެންމެ އިންޑިއާގެ ޗެންނާއީގައި ޕްރެސްޓަން އިންޓަރނޭޝަނަލް ކޮލެޖް ވެސް އުފެއްދެވިއެވެ.

މިހާރު ޢުމުރުފުޅުން 74 އަހަރުގައި ވެސް ޑރ. ބިލާލް ދަނީ އިސްލާމީ އުއްމަތަށް ޚިދުމަތްކުރެއްވުމުގައި ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ދުނިޔޭގެ އެކި ކަނކޮޅުތަކަށް ދަޢުވަތުގެ މަސައްކަތްޕުޅުގައި ދަތުރު ކުރައްވަމުން ގެންދަވައެވެ. އެގޮތުން ރާއްޖެއަށް ވެސް ވަޑައިގެން ތަޤްރީރުކުރައްވާފައިވެއެވެ.

ނޯޓް:މިއީ އިލްމް ޖަމްއިއްޔާގެ ރިސާޗް ޑިވިޒަނުން ލިޔެފައިވާ ލިޔުމެކެވެ. ''ދެން''ގައި މި ލިޔުން މިޝާއިއުކޮށްލަނީ މިއީ އެކަމަށް ވަރަށް އެކަށީގެންވާ ދަނޑިވަޅަކަށް ވާތީވެ، ''އިލްމް''ގެ ހުއްދައާ އެކުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!