ޚަބަރު

މިހާރު ހުށަހެޅެމުންދާ ބިލުތަކަކީ އަންޒަމާނު ކަރަޔަށް ވައި އެރިއިރުގެ ތަކެތި: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހުށަހެޅެމުންދާ ބިލުތަކަކީ އަންޒަމާނު ކަރަޔަށް ވައި އެރިއިރުގެ ތަކެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހެޅުނު "ނަފްސާނީ ސިއްޙަތާއި ބެހޭ ބިލު" އަނބުރާ ގެންދެވިކަން އިއުލާނު ކުރައްވާ ނަޝީދު ވިދާޅުވީ ބިލުގެ ގޮތުގައި ބައެއް ފަހަރު މަޖިލީހަށް ހުށަހެޅެނީ ސުރުހީއެއް ކަމަށާއި ބަދަލު ގެނެސް، ރައްޔިތުން ބޭނުންވާ ގޮތް ދެނެގަނެ އެ ބިލެއް ފުރިހަމަ ކުރަނީ އެކި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު މަޖިލީހުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ބިލެއް ހުށަހަޅާއިރު ގިނަ ފަހަރު މަޝްވަރާ ކުރެވިފައި އޮންނާނީ އެހާވހާމަކޮށް ބޮޑުކޮށެއް ނޫން ކަމަށާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި، އާއްމުންގެ ބައިވެރިވުން އެއަށް ގެންނަނާނީ މަޖިލީހުގައި ކަމަށެވެ.

"ގާނޫނު ހެދުމުގައި އެންމެހާ ކަންކަން ކުރާނެ މަޖިލީހަކީ މިއީ. މިތަނުގައި ހޯލްތައް ހުރީ. މިތަނުގައި މައިކްތައް ވެސް ހުރީ. މިތަނުގައި އިންތިޒާމެއްވެސް ހަމަޖެހިފައި އޮތީ، ރާއްޖޭގައި އެކި އެކި ތަންތަނުން މީހުން ގެނެސްގެން ޚިޔާލު ހޯދާ މަޝްވަރާ ކޮށް ހެދުމަށް. ރާއްޖޭގެ އެހެންތަނެއްގައި މި އިންތިޒާމްތަކެއް ނުހުންނާނެ." ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ދައުރު ނިމުނު އިރުގައި 56 ބިލެއްގެ މަސައްކަތް އެއްފަހަރާ ލިބުނުކަމަށާއި އެ ބިލުތައް މެމްބަރުންގެ ތެރޭގައި ބަހާލެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ބިލުތަކަކީ ބޭރުގެ ގައުމުތަކުގެ ޕްރެޝަރ ބޮޑުވުމުން ދިވެހި ސަރުކާރުން ބަހަނާ ދެއްކުމުގެ ނިޔަތުގައި ސަރުކާރުގެ އެކި ވުޒާރާތަކުގައި ފަށާފައި ހުރި ބައިވަރު މަސައްކަތްތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިވެހިން ބޭނުންވަނީ ބަހަނާތަކެއް ނޫން. ދިވެހި ރައްޔިތުން ބޭނުންވަނީ މެމްބަރުންގެ ފަރާތުން އެކަންތައް ކުރުމަށް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލުތަކަކީ އެމްޑީޕީގެ މެނިފެސްޓޯގެ އަމާޒްތައް ސީދާގޮތުގައި ފާހަގަވާ ބިލުތަކެއް ނޫން ކަމަށާއި މިއަދު ހުށަހެޅިގެންދާ ބިލުތަކަކީ 1980ގެ އަހަރުތަކުއްސުރެ އެކި ވުޒާރާތަކުގައި އެކި ގޮތްގޮތަށް ހުރި ބިލުތަކެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!