ޚަބަރު

މަޖިލީހަށް 444 ރުފިޔާ ދައްކަވަން އޭސީސީން ނަޝީދަށް އަންގައިފި

ދެން އެމްވީ

ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަކަށް ހަރަދު ކުރެއްވި 444 ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް ރައީސް ނަޝީދަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އަންގައިފިއެވެ.

އޭސީސީން މިގޮތަށް އަންގާފައިވަނީ ރައީސް ނަޝީދު އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރުކުރަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އެމައްސަލަ ނިންމައި އޭސީސީއިން ރައީސް ނަޝީދަށް ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ ގއ ވިލިގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ރައީސް ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު އެމަނިކުފާނުގެ ހަށިފާރަވެެރިންނާއި އަދި ޗީފް ބިއުރޯ އޮފިސަރު އައްޑޫ ގަމުން މާލެ ދިއުމަށް ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

ނަމަވެސް އެދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1222 ކަމަށްވެސް އޭސީސީން ބުނެއެވެ.

އަދި މަހާސިންތާ ނިންމަވާލެއްވުމަށްފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެކަން ކޮމިޝަނަށް އެންގުމަށް މަޖިލީހުގެ އިދާރާ އަށް ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!