ލައިފްސްޓައިލް

ބޭރުމީހުން ކުޅޭ ޓިކްޓޮކް އޯކޭ! އެކަމަކު ދިވެއްސަކު ކުޅެފިއްޔާ ......؟

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ވެސް އެކިކަންކޮޅުތަކުގައި މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް އެޕްލިކޭޝަނަކީ، ތަފާތު އެކި ވީޑިއޯތައް އުފެއްދުމަށް ބޭނުންކުރާ "ޓިކްޓޮކް" އޭ ބުނުން ދޮގަކަށް ނުވާނެއެވެ.

Ads by STELCO

މުޅި ދުނިޔެއަށް މަޝްހޫރު މިއެޕްލިކޭޝަން ގިނަ އަދަދެއްގެ ދިވެހިން ވެސް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކު މިހާރު ގިނަ މީހުންނަށް އެނގި އެމީހުންނަށް މަޝްހޫރުކަން ވެސް ލިބެން ފަށާފައިވެއެވެ.

އެގޮތުން އެންމެ ގާތުން އަވަށްޓެރި އިންޑިއާއަށް ބަލާލި ނަމަވެސް، އެޤައުމުގައި ޓިކްޓޮކް ކުޅޭ މީހުންނަށް ވެސް ސަޕޯޓުކުރާ އަދި އެބަޔަކާއި ބައްދަލުކުރަން ސަފުހަދާފައި ހުންނަ މީހުން މަދެއް ނޫނެވެ. އެންމެ ކުޑަމިނުން އެޤައުމުގެ ބޮޑު ސްކްރީނުގައި މަސައްކަތް ކުރާ ފިލްމީތަރިން ވެސް މިފަހަރަކަށް އައިސް ފެންނަނީ ޓިކްޓޮކްގައި އަމިއްލަ ވީޑިއޯތައް އުފައްދާ، އިތުރަށް މަޝްހޫރުކަން ހޯދާ މަންޒަރެވެ.

އެކި ކޮންޓެންޓުތަކަށް އަމިއްލަ ވީޑިއޯ އުފެއްދޭ އަދި އެކްޓިންގ ހުނަރު ދައްކާލެވޭ މިއެޕްލިކޭޝަން ގިނަ ބަޔަކަށް މަގުބޫލުވެފައިވީ ނަމަވެސް، ދިވެހިން އުފައްދާ އަދި ބޭރު ޤައުމުތަކުގެ މީހުން އުފައްދާ ވީޑިއޯތަކަށް ލިބޭ ތަރުހީބު އުޑާއިބިމާހާ ތަފާތުކަން ވެސް ފާހަގަ ކުރެވެއެވެ.

މިކަން އެންމެ ބޮޑަށް ފާހަގަ ވަނީ ދިވެހިން އުފައްދާފައި ހުންނަ ވީޑިއޯތަކަށް މީހުން ކޮށްފައި ހުންނަ ކޮމެންޓުތަކުންނެވެ. ބޭރު ޤައުމުތަކުގެ ވީޑިއޯތަކަށް ސަނާ ކިޔާ ކޮމެންޓުކުރާ އެތައް ބަޔަކު، ދިވެެއްސަކު ހަމަ އެވީޑިއޯ ނަކަލު ކުރުމުން އެމީހަކާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ކޮމެންޓު ކޮށްފައި ހުރެއެވެ.

ވީޑިއޯ އުފައްދާ މީހާއަށް އިންތިހާއަށް ގަނާކޮށް، މަލާމާތުގެ ބަސްތައްބުނެ އެމީހުންގެ އަބުރަށް ވެސް އަރައިގެންފައި ހުންނަ ކޮމެންޓުތައް ވެސް ފެނެއެވެ. ގިނަ ފަހަރަށް އެފަދައިން ކޮމެންޓު ކޮށްފައި ހުންނަނީ އެއީ ކާކުކަން އެހެން މީހުންނަށް ނުހޯދޭނެ ވަގު އައިޑީތަކުންނެވެ.

މީގެއިތުުރުން އެމީހުންގެ ވީޑިއޯތައް ނަގާ އެކިއެކި ޕޭޖުތަކަށް ލައިގެން ވެސް އެމީހުންނާއި ދިމާލަށް އެހެން މީހުން ލައްވާވެސް މަލާމާތްކޮށް އިތުރަށް ގަނާކޮށް ހަދައެވެ. މިކަމުގެ ސަބަބުން ބައެއް މީހުންނަށް ނަފްސާނީ އެތައް އަސަރުތަކެއް ކުރެއެވެ. ޓިކްޓޮކް އަކީ ބައެއް ދިވެހިން އެހާ ފޫހިވާ އެއްޗަކަށްވާއިރު، އެހެން ޤައުމުތަކުގެ މީހުން ކުޅޭ ވީޑިއޯތައް ބަލާ އެއަށް ސަނާކިޔަނީ ކީއްވެ ކަމެއް ނުވިސްނެއެވެ. އަދި އެފަދަ މީހުން ފުރަތަމަ ކަމަށް ޓިކްޓޮކް ބަލަނީ ކީއްވެކަމެއް ވެސް ނުވިސްނެއެވެ.

ފަހަރެއްގައި ޓިކްޓޮކް އަހަރުމެންގެ ދިވެހި "ސަޤާފަތާއި" ނުގުޅޭތީ މިހެން ކަންތައްވަނީ ކަމަށް ވެދާނެއެވެ. ބައެއް ދިވެހިން އަހަރުމެންގެ މުޖުތަމަޢުއާއި އިޖުތިމާއީ މިންގަނޑާ ނުގުޅޭގޮތަށް ޓިކްޓޮކް ވީޑިއޯ ހަދާކަން ޤަބޫލުކޮށް އެކަމާއި ހިތާމަވެސް ކުރަމެވެ. ގިނަ ފަހަރަށް އެހެން ދިމާވަނީ ގިނަ ދިވެހިންގެ ލޭގައި ހިނގާ "ކޮޕީ ކުރުމުގެ" އާދައާއި ހެދިއެވެ.

އިންޑިއާ މީހުން ނުވަތަ އެނޫންވެސް ބޭރު ޤައުމުތަކުގެ މީހުން އުފައްދާފައި ހުންނަ ވީޑިއޯތައް ނަކަލު ކުރަން ހަދައިގެން އަމިއްލަ ދީނާއި ސަޤާފަތްމަތިން ހަނދާން ނެތެނީއެވެ.
ތިމާމެންގެ ހުނަރު ދައްކާލަން ލިބޭ އެފުރުސަތުގައި، އަމިއްލަ އުފެއްދުންތައް އިތުރު ކުރުން ރަނގަޅުވާނެ ނޫން ހެއްޔެވެ؟

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!