ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ފޮތެއްގައި ލާދީނީ ވާހަކަތަކެއް ހުރި މައްސަލައެއް
ގްރޭޑް ފަހެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރާ އިނގެރޭސި ފޮތުގައި، ލާދީނީ ވާހަކަތަކެއް ހިމަނައިފައިވާ ކަަމަށް ބުނެ، މި މައްސަލަ ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ދީނީ އިލްމުވެރިންތަކެއް ގުޅިވަޑައިގެން އުފައްދަވައިފައިވާ ރައްޔިތުންގެ އިއްތިހާދުން ބުނީ "އެކްސްޕްލޯރިން އިންގްލިޝް ގްރޭޑް 5"ގައި ލާދީނީ ފިލާވަޅުތަކެއް ހުރިކަމުގެ ޚަބަރު އެ އިއްތިހާދަށް ލިބިފައިވާ ކަމަށެވެ.
މިކަން ފެންމަތިވުމުން، އެ އިއްތިހާދުން ބެލި ބެލުމުން، ޣައިރު ދީނެއްގެ ކަލާނގެއެއް އެ ފޮތުގައި ޕްރޮމޯޓްކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށް ވެސް ރައްޔިތުންގެ އިއްތިހާދުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް، އެ އިއްތިހާދުން ފޮނުވި ސިޓީގައި ވަނީ އެހެން ދީނެއްގެ ބަޔަކު ކަލާނގެއެއް ކަމުގައި ދެކޭ އެއްޗެއްގެ މޮޅުކަން ގްރޭޑް ފަހެއްގެ އިނގެރޭސި ފޮތުގައި ބަޔާން ކޮށްފައިވާ ކަމަށާއި، އެ ފޮތަކީ ރާއްޖޭގެ އެންއައިއީއާއި އިންޑިއާގެ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްއާ ގުޅިގެން ޝާއިއުކުރި ފޮތެއް ކަމަށެވެ.
އަދި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅައި، އެމީހުންގެ މަައްޗަށް ދައުވާ އުފުލުމަށް ވެސް ސިޓީގައި ވަނީ ގޮވައިލައިފައެވެ.
މީގެ އިތުރުން އިސްލާމްދީނާ ޚިލާފު ވާހަކަަތައް ހުރި ފޮތުގެ ހުރިހާ ޗާޕެއް އިސްލާހު ކުރުމަށް ނުވަތަ ލާދީނީ ވާހަކަތައް ހިމެނޭ ފިލާވަޅު ނެގުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ވެސް ރައްޔިތުންގެ އިއްތިހާދުން ސީޕީ ހަމީދަށް ފޮނުވި ސިޓީގައިވެއެވެ.
އެ އިއްތިހާދުން ބުނީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި އެޑިއުކޭޝަން މިނިސްޓްރީއާ އެހެނިހެން އިދާރާތަކަށް ސިޓީ ފޮނުވައިގެން ވެސް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.
ކީއްތޯ ކުރާނީ މިގައުމުގާ މިއޮތް ސަރުކާރަކީ އިންޑިއާގެ ލާދީނިއްޔަތަށް ގޮސް ހުވެފާ އޮތް ސަރުކާރެއް ވިއްޔަ އެ ވަރިހަމަ ދީން އަޅުވެތި ކުރަން ޖެހުނަސް އެކަންވެސް ކުރާނެ، ގައުމު އަޅުވެތި ކޮށްފި، ދެންް އެންމެފަހުން މާތްވެގެންވާ ިސްލާމްދީން އަޅުވެތިކޮށް ފުނޑުފުނޑު ކުރަން އުޅޭތަން މި ފެންނަނީ، ބަޢީ އާއިލާއެއް ވެރިކަމަށް އެރީމާ ވާނެ ހައެތި ވާތަން މި ފެންނަނީ، ސުބުހާނަﷲ.