ޔާމީނުގެ ވެރިކަމުގައި ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭކަށް ނުނިންމާ: އިދިކޮޅު
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ވަކިބަޔަކު ހިންގާގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ކުންފުންޏަށް އެއްވެސް އިރުޝާދެއް ދީފައެއް ނުވާނެކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެން އަދި ޕީއެންސީން ނެރުނު ބާޔާނެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާ ވާހަކަ ދައްކަމުންދަނީ މިސަރުކާރުގެ ދެއުޅިއެއްނުވާ އިގްތިސާދީ ސިޔާސަތަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ކަމަށެވެ.
އޭގެ އިތުރުން އެގޮތަށް އެކަން ކުރަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލައި ރައްޔިތުން އޮޅުވާލުމުގެ ގޮތުން ކަމަށް މި ކޯލިޝަނުން ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.
އިދިކޮޅުން ބުނީ ސަރުކާރުން ދައްކަމުންދާ މިފަދަ ދޮގުވާހަކަތައް އެ ކޯލިޝަނުން ކުށްވެރި ކުރާކަމަށެވެ.
އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން މަސައްކަތް ކުރެއްވީ ވީރާނާވަމުންދިޔަ ބަލިކަށި ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުއްވައި، ގައުމާއި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ ސިނާއަތްތައް ދިވެހިރައްޔިތުންނަށާއި ގައުމަށް މަންފާއާއި ލާބަ ލިބެނިވި ގޮތަށް ތަރައްގީކޮށް ކުރިއެރުވުމަށް ވެސް ބަޔާނުގައި ފާހަގަކުރެއެ އެވެ.
މި ސަރުކާރުން އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލްއާ ބެހޭގޮތުން ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ޕީޕީއެމްއިން ބުނެފައި މިވަނީ އާ ސީޕްލޭން ޓާމިނަލުގެ ބޮޑު ބައެއް، ޓީއެމްއޭއަށް ދޭނެކަމުގެ ޔަގީންކަން ދީފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށް މި ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.