ޚަބަރު

ގަސްތުގައި އެއްވެސް ފްލައިޓެއް ޑިލޭ ނުކުރާނެ: މޯލްޑިވިއަން

ދެން އެމްވީ ، ދެން އޮންލައިން

ގަސްތުގައި އެއްވެސް ފްލައިޓެއް ޑިލޭ ނުކުރާނެ ކަމަށް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނެފިއެވެ.

Ads by STELCO

މޯލްޑިވިއަން އިން މިގޮތަށް ބުނެފައި މިވަނީ، މި ދުވަސްވަރު ގިނަ ފްލައިޓްތައް ޑިލޭވެ، ޝެޑިއުލް އާއި އެއްގޮތަށް ދަތުރު ނުކުރެވި ދާތީ އާންމު ފަރާތްތަކުން ހިތްހަމަ ނުޖެހުމާއި ޝަކުވާތައް އިތުރުވުންދިއުމާއި ގުޅިގެންނެވެ.

މޯލްޑިވިއަންގެ ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އެއާލައިނުން އެއްވެސް ފްލައިޓޭއް ގަސްތުގައި ޑިލޭ ނުކުރާނެ ކަމަށެވެ.

ފްލައިޓްތައް ޑިލޭވުމާއި ގުޅޭގޮތުން އެއާޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައި ވަނީ، ފްލައިޓްތައް ޑިލޭވަނީ ރަންވޭ ބާރުބޮޑުވުމުން ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މި ދުވަސްވަރު 50 އަށްވުރެ ގިނަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާއިރު، އެކަމުގެ ސަބަބުން ރަންވޭއަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ، މ ދުވަސްވަރު ރަންވޭ ބާރުބޮޑުވެ ފްލައިޓުތައް ޑިލޭވުމުގެ މައްސަލަ ކުރިމަތިވަމުން ދިޔަ ނަމަވެސް، ޗުއްޓީ އާއި ދިމާކޮށް ގިނަ ބަޔަކު އެކި މަލްޒިލްތަކަށް ދަތުރުކުރާ މި ސީޒަން ނިމުމުން މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި، ބާރު ބޮޑު ދުވަސްތަކާއި ދިމާކޮށް ފްލައިޓުތައް ޑިލޭވުމުގެ މައްސަލަ މިހައި ބޮޑަށް ކުރިމަތިވަމުން ދަނީ އެންމެ ރަންވޭއެއް ބޭނުން ކުރާތީ އެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި އައު ރަންވޭ ހުޅުވުމުން މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!