ޚަބަރު

ޓާމިނަލް ދޫކުރަން ނިންމާފައިވަނީ އެންމެ އިންސާފުވެރިކޮށް: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމުގައި ގުޅޭގޮތުން ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން ދައުލަތަށް ގެއްލުން ނުލިބޭނެ ކަމަށާއި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by MWSC

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްއޭސީއެލް އިން ޓީއެމްއޭއާ ވާހަކަދައްކަމުން ގޮސްފައިވަނީ އޭރު ޓީއެމްއޭ އިން އެމްއޭސީއެލް އަށް ދައްކަމުންދިޔަ ކުލީގައި އެ ފަރާތަށް ކުއްޔަށް ދިނުމަށް ކަމަށެވެ.

އަމީރު ވިދާޅުވީ ކުރީ ސަރުކާރުގައި އެމްއޭސީއެލްގެ ބޯޑުން ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ) އާ މުއާމަލާތް ކުރީ 15 އަހަރަށް މުޅި ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރުމަށް ޓީއެމްއޭއަށް ހަވާލުކުރާ ގޮތަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ނިންމީ އެމްއޭސީއެލްއާއި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަކީ އެތަން އެމްއޭސީއެލް އިން ހިންގުން ކަމަށާއި އެހެންވެ މުޅި ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދޫކުރަން ވިސްނާފައި އޮތް ގޮތައް ބަދަލު ގެނައީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރާ ގޮތަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭ ދިނުމަށް ނިންމާފައިވާ ކަމަށާއި، އަދި މަންޓާ އެއާ އަށްވެސް އެތަނުން މިހާރު ބޭނުން ކުރަމުން އަންނަ ޖާގަ ހަމަ އެ އަދަދަށް ދިނުމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ ހުރިހާ ފަރާތްތަކަކަށް ވެސް އެންމެ އިންސާފުވެރި ނިންމުން ކަމަށާއި މި ނިންމުމުގެ ސަބަބުން ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!