ރިޕޯޓް

ނަމެއްގައި ހިތާ ހިތުގެ ގުޅުން!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޕާޓީ އަދި އެންމެ މެންބަރުން ގިނަ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަބަދުވެސް އިންތިހާބުތަކަށް ނުކުންނަނީ ތަފާތު ޝިއާރުތަކަކާއެކުއެވެ. މިހާރު އެމްޑީޕީން އަބަދުވެސް ބޭނުންކުރާ އެއް ޝިއާރަކީ، "މިއީ ހިތާ ހިތުގެ ގުޅުން" މި ޝިއާރެވެ.

Ads by Sosun Fihaara

‎އެ ޝިއާރަކީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަސްފުޅަކުން އުފަންވެގެންދިޔަ ޝިއާރެކެވެ. އެމްޑީޕީއަކީ އެކުވެރި، އެކުގައި އެއް ފިކުރަކަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށް އަންގައިދިނުމަށް އުފަންވި ޝިއާރު ވެގެންދިޔައީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ޝިއާރަކަށެވެ. ފަހަކަށް އައިސް ކޮންމެ ކެމްޕޭނެއްގައި އެމްޑީޕީން އެ ޝިއާރު ބޭނުންކުރެއެވެ.

ހިތާ ހިތުގެ ގުޅުމަށް ލޮޅުންތަކެއް

‎ފާއިތުވެދިޔަ ދެ އިންތިހާބުގައި ވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ހިތާ ހިތުގެ ގުޅުން، އޭގެ ހަގީގީ މާނައިގައި ފެނިގެން ގޮސްފައެއް ނުވެއެވެ. ޑިމޮކްރަސީގެ ރީތި މިސާލު ދައްކައިދިނުމުގެ މަގުސަދުގައި ބޭއްވި ޕްރައިމަރީތަކުން ހަމަނުޖެހުންތަކެއް ފެނިގެންދިޔައެވެ.

‎އެންމެ ފުރަތަމަ އެ މައްސަލަ ފެނިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައެވެ. އެ ޕްރައިމަރީގައި ވޯޓު އޮޅުވާލާ ކަމުގެ ތުހުމަތުތައްކޮށް، ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރި ތަން ފެނިގެންދިޔައެވެ.

‎އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާނެ ފަރާތެއް ކަނޑައެޅުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ކުރިއަށްގެންދިޔަ ވާދަވެރި ކެމްޕޭންއާ ގުޅިގެން ވެސް ޕާޓީ ދެ ބަޔަކަށް ބެހިގެންދިޔަ މަންޒަރު ފެނިގެންދިޔައެވެ. ނަމަވެސް ފަހުން އެމްޑީޕީން ނިންމީ މަޖިލީހުގެ ރައީސްކަމަށް ރައީސް ނަޝީދު ގެނައުމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ހަރަކާތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުން -- ފޮޓޯ: އެމްޑީޕީ

އޭގެ ފަހުން ބޭއްވި އެމްޑީޕީގެ ލީޑާޝިޕް އިންތިހާބުގައި ވެސް ގިނަ ކަންތައްތަކެއް ފެނިގެންދިޔައެވެ. ނައިބު ރައީސަކު ހޮވުމަށް ކެމްޕޭން ތެރޭގައި އެއް ކެންޑިޑޭޓު، އަނެއް ކެންޑިޑޭޓަށް ބަހުގެ ހަމަލާތައް ރައްދުކުރިއެވެ. އަސްލަމާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ ކެމްޕޭނުތަކުން އެންމެ އެދެވޭ ނަތީޖާތައް ފެނިގެންގޮސްފައެއް ނުވެއެވެ. އެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އަސްލަމް ވަނީ ވޯޓު އޮޅުވާލިކަމުގެ ތުހުމަތު ވެސް ކުރައްވައިފައެވެ.

‎އެއަށްފަހު އެންމެ ފަހުން ބޭއްވި ޕްރައިމަރީއަކީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީއެވެ. އެ ޕްރައިމަރީގެ ތެރޭގައި ވެސް އެއް ކެންޑިޑޭޓު، އަނެއް ކެންޑިޑޭޓަށް ތުހުމަތުތަކެއްކޮށް، ބަހުގެ ހަމަލާތައް ރައްދުކުރިއެވެ. އެ އިންތިހާބަށް ފަހު ވެސް ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ކުރިއެވެ.

‎އޭގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް އެއް މެންބަރަކު، އަނެއް މެންބަރަކަށް ތުހުމަތުތަކެއް ކުރެއެވެ. މާލެ ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެއް ހަމައިގައި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހަކަތަކާ ގުޅިގެން، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ހޫނު ބަހުސެއް ކުރިއަށްދިޔައެވެ. އެކަމަށް ރައްދުދެއްވުމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲއަށް އަނދުން ހުސައިން ވަނީ ކޮރަޕްޝަނުގެ ތުހުމަތު ވެސް ކުރައްވައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ "ރަށްވެހި ފަތިސް"

‎ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީން ބޭނުންކުރާނެ ޝިއާރަކީ "ރަށްވެހި ފަތިސް" އެވެ. އެ ޝިއާރުގެ އަސްލު މާނައަކީ ކޮބައިކަމެއް ނޭނގެއެވެ.

‎އެމްޑީޕީއަށް ނިސްބަތްވާ ގިނަ ކައުންސިލަރުން ހެނދުނު އޮފީހަށް ވަޑައިނުގަންނަވާ ވާހަކައަކީ ދާދިފަހުން ދެކެވުނު ވާހަކައެކެވެ. އެކަމަށް ރައްދުދެމުން އެމްޑީޕީން ބުނެފައިވާ ގޮތުގައި އެޕާޓީއަށް ނިސްބަތްވާ ކައުންސިލަރުން ހެނދުނު އޮފީހަށް ވަޑައިނުގެންނެވި ނަމަވެސް ނަތީޖާ ނެރޭނެއެވެ.

‎ސުވާލަކީ ހެނދުނު އޮފީހަށް ވަޑައިނުގެންނެވޭ ނަމަ، ރަށްވެހި ފަތިހެއް ގެނެސްދޭނީ ކިހިނެއް ހެއްޔެވެ. އެހެންކަމުން އެ ޝިއާރަކީ އެންމެ ގުޅޭ ޝިއާރަކަށް ވެގެންނެއް ނުދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!