ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަނީ

ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ގާޒީ ފަހީމް، ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
އެގޮތުން އެ ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ޖަލްސާއިން މިކަން ނިންމައި ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއް އެކުލަވައިލައިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން ޖޭއެސްސީ އިން އަންނަނީ ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އަދި ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލާ ބައެއް ފަނޑިޔާރުންނަށް ވަނީ ފިޔަވަޅު ވެސް ވަނީ އަޅައިފައެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވަކި ވެސް ކޮށްފައެވެ.