ޚަބަރު

ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމް ވެއްޖެ

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކޮށްދެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިއަދުން ފެށިގެން ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމް ވެއްޖެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާއިރު، މި ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ފާސްކުރީ 66 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ގާނޫނުގައިވާ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިން ބަލިތަކުން ސަލާމަތްވާން ޖަހަންޖެހޭ ވެކްސިކް އެކުދިންނަށް ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ކުއްޖާގެ މައިންބަފައިން އުޒުވެރިވުމަކީ މައިންބަފައިންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ދަރިމައިވުމުން ކުރަން ޖެހޭ ފަރުވާގެ އިތުރުން މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށާއި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއަކީ ކުއްޖާއަށް ލިބިގެންވާ ހައްގެއް ކަމަށާއި އަދި ކުއްޖާ ވިހައިގެން އެކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީވެސް ކުއްޖާގެ ހައްގެއްގެ ގޮތުގައި މި ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އެ ގާނޫނު ބުނާގޮތުން ސިއްހީ ގޮތުން ކުއްޖާ ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވުމުގެ ސަބަބުން ކުއްޖަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ ތިން އަހަރަށް ޖަލަށް ލެވޭނެ ކުށެކެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ އެހެން ކަންކަމަށް ބަލާއިރު ކުޑަކުދިންނާ މެދު އިހުމާލުވުމާއި، އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެކެވެ.

އަދި ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހެދުމަށާއި، ކުށުގެ ބަންދުގައި ތިބޭ ކުދިންނަށް ތައުލީމު ދިނުން ވެސް ވަނީ ލާޒިމުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!