ޚަބަރު ރައްޔިތުންގެ މަޖިލިސް

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވައިލައި ކުއްލި މައްސަލައެއް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު--

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުންދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ، ލ.އަތޮޅުގެ ރަށްތަކުގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވައިލައްވައިފައެވެ.

ސައީދު ވަނީ އެ ހޮސްޕިޓަލު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކެނޑިނޭޅި ވައުދުވަމުން އައިކަން ފާހަގަކުރައްވައިފައެވެ. އެ މައްސަލައިގައި ވަނީ ގަމު ހޮސްޕިޓަލުންދޭ ހިދުމަތުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއް، ދަށްވަމުންދާކަމުގެ ޝަކުވާ އެއަތޮޅުގެ ރައްޔިތުންގެ ފަރާތުން ވެސް ލިބެމުން އަންނަކަން ފާހަގަ ކުރައްވައިފައެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް އިއުލާނުކޮށްފައިވާ ހޮސްޕިޓަލަކަށްވެފައި، އެތަން ހިންގުމަށް ވަކި ބޯޑެއް ކަނޑައަޅައި އެބޯޑުގެ ދަށަށް ލ.އަތޮޅުގެ 10 ރަށުގެ ސިއްހީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ބަދަލުކޮށްފައިވާކަން މައްސަަލައިގައި ވަނީ ފާހަގަކޮށްފައެވެ.

ސައީދު ހުށަހެޅުއްވި މައްސަލައިގައި ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ގިނަ މައްސަލަތަކެެއް ފާހަގަކުރެއްވިއެވެ.

އެގޮތުން ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމާއި، ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމު ނުކުރެވި، ބަލި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ، ގިނަ ހާދިސާތަކެއް، ފަރުވާ ކުޑަވުމާއި ހިންގުމުގެ ދޯދިޔާކަމުން ހިނގައިފައިވާކަން ފާހަގަކުރައްވައިފައި ވެއެވެ.

"ކޮންމެހެން ޑޮކްޓަރުން ތިބެން ޖެހޭ މުހިންމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި، ޓެސްޓުތައް ހެެދެން ނެތުމާއި، ވަސީލަތްތަކާއި އިމާރާތް ވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާތީއާއި ބޯޑުގެ ދަށަށް ބަދަލު ކުރެވިފައިވާ މުވައްޒަފުންގެ ކަންކަން ނުބެލެހެއްޓި، ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު، ދުވަހުން ދުވަހަށް ދައްވަމުންދާތީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިންގުން ހަރުދަނާކޮށް މައްސަލަތައް ވީހައި ވެސް އަވަހަށް ހައްލުކުރުމަށް ސަރުކާރާ ގޮވާލާ" ކަމަށް މައްސަލައިގައިވެެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!