ޚަބަރު

ލަންކާ ބޮމުގެ ހަމަލާއާ ގުޅިގެން ދިވެއްސަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާއާ ދިވެއްސަކާ ގުޅުމެއް ވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

Ads by STELCO

ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑީއައިޖީ އަޖިތު ރޮހާނައާ ހަވާލާދީ ނިއުސް ފަސްޓުގައިވާ ގޮތުން އޭޕްރިލް 21ގައި ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް 216 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނެއެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު ލަންކާއިން އެއްވެސް ދިވެއްސަކު ހައްޔަރު ނުކުރާ ކަމަށް އެ ގައުމުގެ ފުލުހުން އަންގާފައިވާ ކަމަށެވެ.

"ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާ ބެހޭ އިދާރާއަކުން މި ސާވިސް އަށް ކަށަވަރު ކޮށްދީފައެއް ނުވޭ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓެރަރިޒަމާ ދެކޮޅަށާއި ދިވެހިންނަށް އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކަށާއި ތިން ލަގްޒަރީ ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި 259 މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!