ހަގީގީ ހާދިސާ:ޞަދަގާތެއްގެ ބަދަލު ދެއްވީ ހީނުކުރާ ފަދަ ގޮތަކަށް
ޞަދަޤާތަކީ ފެނުން އަލިފާން ނިއްވައިލާ ފަދައިން ފާފަ ފުއްސަވާ މަތިވެރި އަޅުކަމެކެވެ. ﷲގެ މަގުގައި ކުރާ ޞަދަގާތާއި ހޭދައަކީ އޭގެ ބަދަލު ހީވެސް ނުކުރާހާ ގިނަ ގޮތްގޮތަށް ލިބޭ ހޭދައެކެވެ. ތިމާގެ އަތުގައި އޮތް އެންމެ ފައިސާ ފޮއްޗެއް ވެސް މީހަކަށް ދިއްކޮށްލައިފި ނަމަ އޭގެ ބަދަލު ދެއްވާނެކަން ޔަގީންކުރާށެވެ.
މި ވާހަކައަކީ އެކަމުގެ ފުރިހަމަ މިސާލެކެވެ. ވާހަކަ ހިއްސާކުރީ ގާތް ރަޙުމަތްތެރިއެކެވެ.
"އާދައިގެ މަތީން ފަތިސްނަމާދަށް ފަހު ބުރެއް ޖަހައިލައިފައި ސައިބޯން އަހަރެން ދިޔައީ ފުޑްކޯޓަށެވެ. ޖީބުގައި އޮތް 200 ރުފިޔާއިން ބުފޭ ނަގައި ސައި ބޯލެވި ، ކޮފީއެއް ވެސް ޖަހައިލެވޭނެތީ ވޮލެޓް ގެންދިޔުމުގެ މުހިންމު ކަމެއް ނެތެވެ.
ސައިބޮއި ނިމި ކޮފީ ބޯލަން އިންދައި އަހަރެންގެ ގާތަށް އައީ ލިޔެކިޔުންތަކެއް ހިފައިގެން ހުރި އަންހެނެކެވެ. އޭނާ އަހަރެންގެ ގާތަށް އައުމުގެ ކުރީން އެ ސަރަހައްދުގައި ހަރަކާތްތެރިވި ތަން އަހަރެން ދުށީމެވެ. އޭނާ އައިސް އަހަރެން ގާތުގައި އެދުނީ އެހީއަކަށެވެ. ކައިރީގައި ހުރި އައިޖީއެމްއެޗްގައި ދަރިފުޅު އެޑްމިޓްކޮށްގެން އުޅޭ ކަމަށާއި އުޅޭ ދަތި ޙާލު ކިޔައިދިނެވެ.
އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. އެހީވާން ވެސް ބޭނުންވިއެވެ. ނަމަވެސް އަތުގައި އޮތް 200ރުފިޔާ އޭނާއަށް ދީފި ނަމަ އަހަރެންގެ ބިލެއް ނުދެއްކޭނެއެވެ. ވޮލެޓް އޮތީ ގޭގައެވެ. ބޭންކް އެކައުންޓްގައި ރުފިޔާއެއް ނެތެވެ. ވިސްނައިލުމަށް ފަހު އަހަރެން ނިންމީ 200ރުފިޔާ ދިނުމަށެވެ. އަދި ކެފޭގެ މީހުންނަށް ޔަގީންކަމެއްގެ ގޮތުގައި ފޯން ބާއްވައިފައި ނަމަވެސް ގެއަށް ގޮސްފައި އައިސް ބިލް ދެއްކުމަށެވެ.
ކޮފީ ބޮއި ނިންމައި ދުފައިލައިގެން ވެއިޓަރަކަށް ގޮވައިލައިފައި އަހަރެން ބުނެފީމެވެ. މިއޮތީ އަހަރެންގެ ފޯނެވެ. ޖީބުގައި މިވަގުތު ރުފިޔާއެއް ނެތެވެ. ގެއަށް ގޮސް ރުފިޔާ ހިފައިން އެބައަންނަމެވެ. އެހިނދު ވެއިޓަރު ދިން ޖަވާބުން އަހަންނަށް ހުއްޓުން އެރިއެވެ. ކިތަންމެ ދަތި ޙާލުގައިވީ ނަމަވެސް މީހަކަށް އެހީ ވެއްޖެނަމަ އޭގެ ބަދަލު ދެއްވާނެކަން ހިތާއި ރޫޙުން ޔަގީންކަން ލިބުނެވެ.
ވެއިޓަރު ބުންޏެވެ. މިތަނުގައި އިން މީހަކު އެ ދިޔައީ އަހަރެންގެ ބިލް ދައްކައިފައެވެ. އަހަރެން އެންމެ އަޖައިބުވީ ކަމަކީ އަހަރެން އަތުގައި ފައިސާ ނެތްކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އަދި އެ އަންހެން މީހާއާ އަހަރެން ދެއްކި ވާހަކަ އަޑު އިވޭ ހިސާބުގައި ވެސް މީހަކު ނެތެވެ."
ފިކުރުނުކުރާށެވެ. އެހީތެރިވާށެވެ. ތިމާގެ ބޭނުން ނުފުދިދާނެކަމުގެ ބިރުގައި އަތުގައި އޮތް އެއްޗެއް ދޭން ފަސްނުޖެހޭށެވެ. ތިބާއަށް ބޭނުމެއް ޖެހޭ ހިނދެއްގައި ﷲގެ އަމުރުފުޅާ މިންވަރުފުޅުން ކޮންމެވެސް މީހެއްގެ ހިތަށް ތިބާއަށް އެހީވުމުގެ ހިތް ޖައްސަވައި އެ ކަމަށް އިރާދަކުރައްވައިފާނެތެވެ.