ދީން

އެތީސްޓަކު އިސްލާމްވި ގޮތުގެ އިބުރަތްތެރި ވާހަކަ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އިސްލާމްދީނުގެ މަތިވެރި ޙިދާޔަތް ދެއްވުމީ ދުނިޔެމަތީގައި ކޮންމެ އިންސާނަކަށްވެސް ލިބޭނެ އެންމެ ބޮޑު ނިޢުމަތްކަން ކަށަވަރެވެ. މިގޮތުން އަޅުގަނޑުމެން ދިވެހީންނަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް އުފަންވީ ބައެއްކަމުގައި ވުމީ އަޅުގަނޑުމެންގެ އެންމެ ބޮޑު ނަސީބެވެ. އެހެންނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ އެތައް އަޚުންނާއި އުޚްތުންނަށް މި ނިޢުމަތް ނަސީބުވެގެންނުވެއެވެ. މި ލިޔުމުގައި މި ގެނެސްދެނީ މިފަދަ އުޚްތެއް އިސްލާމްވި ގޮތުގެ އަސަރުންފުރިގެންވާ ވާހަކައެވެ.

Ads by Sosun Fihaara

ނާއިލާ އެޑްވާޑްސް އޭނާ އިސްލާމް ވިގޮތުގެ ވާހަކަ ކިޔައިދޭން ފަށަނީ 2011 ވަނަ އަހަރުގައި އޭނާ މެލޭޝިއާގައި ދިރިއުޅެން ފެށިތަނާހެން އޭނާގެ ރައްޓެއްސަކާ އެކީގައި އޭނާގެ ގޭގެ ސިޓިންރޫމްގައި ހުއްޓާ ދިމާވި ހާދިސާގެ ވާހަކައިންނެވެ. އޭނާގެ ބަހުންނަމަ، “ހައުސް ވާމިންގ” ޕާޓީއެއްގައި އޭނާއާއި އޭނާގެ ރަހުމަތްތެރިން ވާހަކައިގައި ތިއްބާ ކުއްލިއަކަށް ގޭގެ އެންމެ ތިރީ ފަންގިފިލާއިން އިވުނީ ބާރު އަޑެކެވެ. މި އަޑު އިވުމާއެކު އޭނާ ތިރިއަށް ދިޔައިރު، އެނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ އެތަނުގައި ހުރީ ވަރަށް ބޮޑަށް ސިހިފައެވެ. ވީ ކީއްތޯ ނާއިލާ އެހުމުން ޖަވާބުގައި ރަޙުމަތްތެރިޔާ ބުނީ ނާއިލާގެ ކުއްތާ ގޭގެ ދޮރާ ދިމާލަށް ދިޔަ ތަނާ، ދޮރު އަމިއްލައަށް ވަރަށް ބާރަށް ލެއްޕުނީކަމަށެވެ. މިކަމާ މެދު ހުރިހާ އެންމެންވެސް ހީވެފައި ތިބި ބިރުން އެންމެންވެސް އެވަގުތު ގެއިން ބޭރަށް ނުކުމެ އެހެންތަނަކަށް ދިޔައީއެވެ. ނަމަވެސް އެރެއަށްފަހު ހާދިސާއާ މެދު އެއްވެސް ވަރަކަށް ނުވިސްނޭ ކަމަށްވެސް ނާއިލާ ކިޔައިދިނެވެ.

މި ހާދިސާއަށް ފަހު ނާއިލާއަށް ގޭތެރެއިން ދޭތެރެއަކުން އާދަޔާ ޚިލާފު ކަންކަން ފެންނަންފެށިއެވެ. އެގޮތުން ބައެއް ދުވަސްދުވަހު ވަޒީފާ ނިންމާފައި ގެއަށް އަންނައިރު ގޭގައި ބަހައްޓާފައި ހުންނަ ތަކެތި ބެހެއްޓިތަން ނޫން އެހެން ތަނެއްގައި ހުރުމާއި، ކޮޓަރިތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓޭ އަޑު އިވުން ކަހަލަ ކަންތައް ދިމާވި ނަމަވެސް ނާއިލާއަށް ވިސްނުނީ އެއީ ހީވާ ހީވުންތަކެއްގެ ގޮތުގައެވެ.

މިހެންގޮސް 4 މަސް ފަހުން އެއް ރެއެއްގައި ނާއިލާ ނިދަން ތައްޔާރުވުމަށްފަހު ގޭގެ ބޮކި ނިއްވާލަން ދިޔަ ވަގުތުގައި ކުއްލިއަކަށް ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އަދި ވަރަށް ނާމާން ކަހަލަ އަޑެއް އިވުނުހެން އޭނާއަށް ހީވުމުން އަވަހަށް ބޮކި ނިއްވާލައި ކޮޓަރިއަށް ވަދެ ދޮރު ތަޅުލީއެވެ. އެއާއެކު އޭނާގެ ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް އެއްޗެއް ޖެހުމާއެކު މުޅި ދޮރަށް ވެސް ގުޑުންއަރައިގެންދިޔައެވެ.

އޭނާ އަކީ އެތީސްޓެއް ނަމަވެސް އެ ބިރުވެރި ވަގުތުގައި އޭނާގެ ހިތަށް އައީ އެންމެ ފަރާތެކެވެ. ﷲ އެވެ. އޭނާ އެވަގުތު ﷲގެ ހަޟްރަތުން ރައްކާތެރިކަމަށް އެދި ދުޢާކުރިއެވެ. އެރޭ އޭނާ ހީކޮށްގެން ހުރީ އޭނާއަށް އެއްވެސް ވަރަކަށް ނުވެސް ނިދޭނެކަމަށެވެ. ނަމަވެސް ވަރަށް ފަސޭހަކަމާއެކު އޭނާއަށް އެރޭ ނިދުނުކަމަށް އޭނާ ކިޔައިދިނެވެ. އަނެއް ދުވަހު ހެނދުނު ހޭލުމަށްފަހު އޭނާ އެރޭގައި ވީ ކަންތަކާމެދު ވިސްނުމުން ވީ ކިހިނެއްކަން ޚުދު އޭނާއަށްވެސް ފަހުމުވާން ދަތިވުމުން އޭނާ ﷲގެ ހަޟްރަތަށް ދުޢާކުރިއެވެ.

އިސްލާމް ދީނަށް މަގު ދައްކަވައިދިނުމަށް އެދިއެވެ. މި ދުވަހަށް ފަހު އޭނާގެ ހިތުގައި އިސްލާމް ދީން އުނގެނުމަށް ވަރަށް ޚާއްސަ ޝައުގުވެރިކަމެއް އުފެދި، އޭނާ މަސައްކަތް ކުރީ މީހުން ގާތުގައި އަހައިގެންވެސް އިސްލާމްދީނުގެ މަޢުލޫމާތު ހޯދުމަށެވެ. އިސްލާމްދީން ޤަބޫލުކުރުމަށް ކަނޑައެޅުމުގެ މާކުރިން އޭނާ ރާ ބުއިންވެސް ހުއްޓާލިއެވެ. އޭނާ އަކީ ކުރާ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރަން ބޭނުންވާ މީހެއްކަމުން އޭނާ ބޭނުންވީ ފުރަތަމަ މަޑުމަޑުން އިސްލާމްދީނުގެ އެކި ކަންކަން ދަސްކުރާށެވެ. އެގޮތުން އެއަހަރުގެ ރަމަޟާން މަހުގައި ކޮންމެ ދުވަހަކު ރޯދަ ހިފަން ފެށިއެވެ. އަދި ގަނޑެއްގައި ނަމާދު ކުރާގޮތް ޕްރިންޓްކޮށްގެން ނަމާދުކުރަން ފަށައި ހިޖާބުވެސް އެޅިއެވެ. އަދި ކޮންމެ ދުވަހަކު ޤުރްއާނުން މިންވަރެއްވެސް ކިޔެވިއެވެ. މިހެންގޮސް ރަމަޟާން މަހުގެ މެދުތެރެއާ ހަމައިން އޭނާ ބޭނުންވީ އިސްލާމްދީން ޤަބޫލުކުރާށެވެ.

އެއީ އޭނާ މާދަމާވެސް މަރުވެއްޖެނަމަ ޣައިރު މުސްލިމެއްގެ ގޮތުގައި އޭނާ މަރުވެދާނެ ކަމުގެ ބިރު ހީވުމުންނެވެ. އެހެންކަމުން އޭނާ އަމިއްލައަށް ޝަހާދަތްކިޔާނެ ގޮތް ގޫގުލް ކުރުމަށްފަހު އެރޭ ޢިޝާ ނަމާދުކޮށްނިމިގެން އޭނާ ޝަހާދަތްކިޔައި އިސްލާމްދީން ޤަބޫލުކުރިއެވެ.

ނާއިލާ މިވާހަކަ ކިޔާދޭއިރު އޭނާ މުސްލިމަކަށް ވިތާ 10 އަހަރު ވެއްޖެއެވެ. އޭނާ ބުނާގޮތުގައި އޭނާގެ ދިރުއުޅުމުގެ އެންމެ ރަނގަޅު ބަދަލަކީ އިސްލާމްދީން ޤަބޫލުކުރުމެވެ. އެ ދީނުގެ ސަބަބުން އޭނާގެ އާއިލާއާއެކު އޮންނަ ގުޅުންވެސް އިތުރަށް ވަރުގަދަ ވެގެންގޮސް، ދިރުއުޅުމުގައި ދިމާވާ ކޮންމެ ކަމަކަށްވެސް ކުރިމަތި ލުމުގެ ހިތްވަރު އޭނާގެ ކިބައިގައި މިހާރު ހުންނަ ކަމުގައި އޭނާ ވަރަށް އުފަލާއެކު ބުނެއެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއްކަމަކާއި، އިންސާނުންގެ އަސްލު މަންޒިލަކީ ސުވަރުގެ ކަމުގައި ޤަބޫލުކުރެވުމަކީ މިކަމުގެ އެންމެ ބޮޑު ސަބަބު ކަމުގައިވެސް އޭނާ އޭނާގެ ވާހަކަ ނިންމައިލަމުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!