ދައުރުގެ މެދުތެރެއިން އިންތިހާބަކަށް ޖާގަ ދޭން ޖެހޭ: އަދުރޭ
ރިޔާސީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން ޖެހޭކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ ބާއްވާ ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން އެކަމަށް ޖާގަ ހޯދަން ޖެހޭކަމަށާއި މިހާރުގެ ސަރުކާރުން 2018 ވަނަ އަހަރުގެ ކެމްޕެއިން ތެރޭ، ދައުރުގެ މެދުތެރޭގައި އިންތިހާބެއް ބާއްވަން ވައުދުވި ކަމަށެވެ.
އަދުރޭ ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށާއި އެ މަންޒަރު މިހާރު ފެންނަ ފަށައިފިކަމަށެވެ. އެހެންކަމުން ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަނެ ޖެހިފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުން އަމިއްލަ އަށް އެބަޖެހޭ މިޑްޓާމް އިލެކްޝަނެއް ބާއްވަން. އެ އިލެކްޝަނަށް ޖާގަ ހޯދައިދޭން އެބަޖެހޭ. އެ ޖާގަ އަޅުގަނޑުމެންނަށް ހޯދައިދެވެން މި އޮތީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑުތަނުން ޕީޕީއެމަށް ކާމިޔާބު ހޯދައިދީގެން، ޕީޕީއެމަށް މި އިންތިޚާބު ކާމިޔާބުވީމަ ނުވަތަ ކޮށްދިނީމަ ރައްޔިތުން އެ ބުނަނީ މިޑްޓާމް އިލެކްޝަނެއް ދިވެހިރާއްޖޭގައި ބާއްވައިދޭށޭ. ތިމަންނަމެންނަކަށް މިހާރު މި ސަރުކާރަކަށް ތާއީދެއް ނުކުރެވެއޭ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން އޮތް ދުވަހުގެ ހަވީރު ހަތަރެއް ޖެހިއިރު ވޯޓުލުން ނިންމިނަމަ އެ އިންތިހާބުގެ މެޖޯރިޓީ ޕީޕީއެމުން ނެގީސް ކަމަށެވެ. ނަމަވެސް ވަގުތު އިތުރުކުރުމުން އިތުރުވެގެންދިޔަ ވޯޓުތަކާ އެކީގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބިގެންދިޔައީ ކަމަށް އޭނަ ވިދާޅުވިއެވެ.