އިންޑިއާގެ ހޯމް މިނިސްޓަރާ އިމްރާން ބައްދަލުކުރައްވައިފި
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހުއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އިންޑިޔާގެ ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ހޯމް މިނިސްޓްރީގައެވެ. މިނިސްޓަރު އިމްރާން އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާގެ ހޯމް މިނިސްޓަރުގެ ދައުވަތަކަށެވެ.
މި ބައްދަލުކުރެއްވުމަށްފަހު އިންޑިއާގެ ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމު ކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި މަޝްވަރާތަކުގައި ދެ ގައުމުގެ ހޯމް މިނިސްޓްރީ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި، އެހީތެރިން ބަދަލު ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
އެގޮތުން ދެ ގައުމުގެ ދާހިލީ ސަލާމަތާއި ހަމަ ޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށްޓަކަައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. ވަކިން ހާއްސަކޮށް ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް އެ ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.
މި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.