މިއަހަރުގެ ތެރޭގައި 500 އަށްވުރެ ގިނަ މަޝްރޫއު ހިންގޭނެ: ރައީސް
މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށްވުރެ ގިނަ މަޝްރޫއު ހިންގުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން "ރަށްވެހި ފަތިސް" ރަސްމީކޮށް ލޯންޗު ކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ވަޒީރުން ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫއު ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ސެންޓްރަލައިޒް ގޮތަކަށް މަރުކަޒު ކުރެވިގެން މިފަދަ މަޝްރޫއުތައް އެއްފަހަރާ ހިންގުމަކީ ނާދިރު ކަމެއް ކަމަށެވެ.
"އެހެންކަމުން ކައުންސިލްތަކަށް މި ދެވުނު ބާރާއި އެކީގައި، މިފަދަ މަޝްރޫއުތައް ހިންގުމުގެ ފުރިހަމަ އިހުތިޔާރު ގާނޫނުން މިވަނީ ކައުންސިލުތަކަށް ދޫކުރެވިފައި، އެހެންކަމުން ސަރުކާރާއެކީ މި މަޝްރޫއުތައް ހިންގާނޭ ބަޔަކު ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވުމަކީ ވަރަށް މުހިއްމު ކަމެއް " ރައީސް ވިދާޅުވިއެވެ.
އެގޮތުން ކައުންސިލުތަކުގެ އެންމެ މުހިއްމު ދައުރަކީ ރަށްރަށް ތަރައްގީ ކުރުމަށްޓަކާ ސަރުކާރުން ހިންގާ މަޝްރޫއުތައް ތަންފީޒުކޮށް މޮނީޓާ ކުރުން ކަމަށާއި މި ކަންކަން ކުރެވޭނީ ސަރުކާރާ އެކީގައި މަސައްކަތް ކުރާނެ ކައުންސިލެއް އިންތިހާބު ކުރެވިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ކަމަށެވެ. އަދި ވެރިކަމަށް އައުމަށް އެމްޑީޕީން އެންމެ ބޮޑަށް ވީ ވައުދަކީ ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ރައްޔިތުންނަށް ލިބިދޭން ޖެހޭ ބާރުތައް ދޫކޮށްލުން ކަމަށާއި މިއަދު އެ ވައުދު ފުރިހަމަ ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުވެފައި އޮތީ 40 ރަށުގައި ކަމަށާއި އިންތިހާބުގައި ވައުދުވި ގޮތަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްދޭނެ ކަމަށެވެ.