ޚަބަރު

މާލެ ހަލާކުކޮށްލުމުގެ މޭސްތިރިއަކީ "ހޮޅި" މުއިއްޒު: ނަޝީދު

ދެން އެމްވީ

މާލެ ހަލާކުކޮށްލުމުގެ މޭސްތިރިއަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން "ރަށްވެހި ފަތިސް" ރަސްމީކޮށް ލޯންޗު ކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު އަށް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ މުއިއްޒު ކަމަށާއި މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު މާލެ އަށް ކުރި ހުރިހާ ކަމެއް ހަނދާން ނުނެތޭނެ ކަމަށެވެ.

"ކުޑަ ވެސް ލަދެއް ހަޔާތެއް ހުރި ނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ. ފަސް އަހަރު ވަންދެން ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ނަގާފައި އޭނާގެ ދެފައި ކޭޓަށް މަހާލައިގެން އިންނަވައިގެން ހުންވައިގެން އިންނަވާފާ ދެން މިއަދު ނިކުމެ މާލެ ރައްޔިތުން ކައިރީ މިބުނަނީ އަޅުގަނޑެވެސް މިއީ މިތަނު މީހެކޭ. އޭނާ އެ ބުންނަ އުޅެނީ ތިމަންނާއަށް ވޯޓެއް ދޭށޭ. ނޫން! މާލޭ މީހުނެއް ނުދޭނެ. މާލޭ މީހުން އޭނާ އަށް ވޯޓެއް ނުދޭނެ. މާލޭ ހަލާކުކޮށްލުމުގެ މޭސްތިރިއަކީ މި ދަންނަވާ ހޮޅި މުއިއްޒު." ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމް ސަރުކާރުން އެޅި ބްރިޖު "އޯކޭ" ކަމަށާއި ނަމަވެސް މުއިއްޒުގެ އައުވާނުންނަށް 7،000 ފްލެޓު ބަހާލިގޮތް "އޯކޭ" ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނުބުނަމޭ ބުރިޖު އޯކޭއެއް ނޫނެކޭ. އަޅުގަނޑުމެން މިބުނަނީ ވައްކަން އޯކޭއެއް ނޫނޭ. މުއިއްޒުއޭ ގޯތި ދިނުމުގެ ލިސްޓު ދެފައި ކޭޓަށް ލީގޮތް އޯކޭއެއް ނޫނޭ. މުއިއްޒުގެ އައުވާރުންނަށް 7000 ފްލެޓް ބަހާލިގޮތް އޯކޭއެއް ނޫނޭ." ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!