މާލޭގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑަށް: މުއިއްޒު
މާލޭގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އޭނާ އަށް ކަމަށާ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ލިބުނު ތަޖުރިބާގެ އަލީގައި މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާ އެ ބަދަލުތައް ގެނެވޭނެވޭނީ އޭނާ އަށް ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓަރުކަމުގައި ހޭދަކުރެއްވި ހަތް އަހަރު ދުވަހުގެ ތެރޭގައި އެތައް ސަތޭކަ ގެއަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާ އެ ރައްޔިތުން ދިރިއުޅޭ ހަގީގީ ހާލަތު ވަރަށް ގާތުން ފެނިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ކަން ދިމާކުރި ގޮތުން ވަރަށް ގިނަ ގޭގެއަށް ޒިޔާރަތް ކުރުުމުގެ ފުރުސަތު ލިބުނު. ހަގީގަތުގައިވެސް އެތައް ސަތޭކަ ގެއަކަށް އަޅުގަނޑަށް ޒިޔާރަތް ކުރެވިފައިވޭ. އެހެންވީމަ މާލޭގައި ރައްޔިތުންގެ ދިރިއުޅުން ވަނީ ވަރަށް ގާތުން ފެނިފައި. އެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރުމަށްވެސް އެތައް މަސައްކަތްތަކެއް ވަނީ ކުރެވިފައި." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ މީހަކަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެ މީހަކު އޭނާ ކަމަށެވެ. އަދި އޭނާ އަށް އެކަންކަން ހައްލު ވެއްޖެނަމަ އެއީ އެމްޑީޕީގެ މެންބަރުންނަށްވެސް ލިބޭނެ ހިތްހަަމަޖެހުމެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެމްޑީޕީއަށްވެސް އެންމެ ފައިދާ ބޮޑުވާނީ އޭނާ އެ މަގާމަށް އިންތިހާބު ކޮށްގެން ކަމަށެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް މުއިއްޒު އަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ މުއިއްޒު ކަމަށާއި މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު މާލެ އަށް ކުރި ހުރިހާ ކަމެއް ހަނދާން ނުނެތޭނެ ކަމަށެވެ. އެހެންކަމުން މާލޭ އެއްވެސް މީހަކު މުއިއްޒު އަށް ވޯޓެއް ނުދޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.