ރިޕޯޓް

ސިޔާސީ ވެރިން ބޮޑު މުސާރައިގައި، ބުރަ އުފުލާ މުވައްޒަފުންނަށް ތަކުލީފަކަށްފަހު ތަކުލީފެއް!

ދެން އެމްވީ ، ދެން އޮންލައިން

ދާދިފަހުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހާއެކު އީސަ އާއި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ފާޑުކިޔުންތައް އަމާޒުވީ ހަމައެކަނި އިދިކޮޅަކުން ނޫނެވެ. ޒުވާނުންނާއި އެމްޑީޕީގެ އެތައް މެންބަރުންނެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

Ads by STELCO

އެ ބިލު ހުށަހަޅާފައިވަނީ މިހާރު އޮންނަ ވަޒީފާއާ ބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. އެ ބިލު ފާސްވެއްޖެ ނަމަ، ވަޒީފާ އަދާކުރާ އާދައިގެ މުވައްޒަފުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެއެވެ. ހާއްސަކޮށް އަންހެން މުވައްޒަފުންނެވެ.

މިހާރުވެސް އެންމެ ބޮޑު ބިރަކީ ވަޒީފާގެ ބިރު

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ވަގުތީގޮތުން ވަޒީފާގައި ގެންގުޅެވޭނެ އެންމެ ދިގު މުއްދަތަކީ ތިން މަހެވެ. ނަމަވެސް އީސަ ހުށަހެޅުއްވި ބިލުގައި އޮތީ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމަށެވެ. އަދި މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ޕްރޮބޭޝަންގެ މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލުކުރުމުގެ ބާރު އޮންނާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މިހާރު ވެސް އެންމެ ބޮޑު ބިރެއްގެ ގޮތުގައި އޮތީ ވަޒީފާގެ ބިރެވެ. އަލަށް ވަޒީފާއަށް ދާ މީހުންނަށް ޕްރޮބޭޝަންގެ ތިން މަހަކީ ވެސް "ބިރުވެރި" ތިން މަހެވެ. އެއީ ގާނޫނުގައި އޮންނަ ގޮތުން އެ ތިން މަސް ހަމަވުމުގެ ކުރިން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާ އިން ވަކިކުރެވޭނެތީއެވެ. ސަބަބެއް ނެތި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އިން ވަކިކޮށްފި ނަމަ، ހައްގު ހޯދަން ދާނެ ތަނެއް ނެތެވެ. އަދި އެ މުއްދަތު އިތުރުކުރުމުން އުފުލަން ޖެހޭ ތަކުލީލު މާ ބޮޑުވާނެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ -- ފޮޓޯ: މަޖިލިސް

ބިލުގައި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ސަލާމު ބުނުމަށް އަމަލުކުރާނެ ގޮތްތަކަށް ގެނައި ބަދަލެވެ. މިހާރު އޮންނަ ގޮތުން އަހަރަކު ލިބޭ 30 ދުވަހުގެ ސަލާމުގެ ޗުއްޓީ ބޭނުންކުރުމުގައި މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭނީ ޖެހިޖެހިގެން ދެ ދުވަހަށް ވުރެ އިތުރަށް ސަލާމުގައި ހުރެއްޖެނަމައެވެ.

އެ ބިލުގައި އޮތީ އެއް ދުވަހު ސަލާމު ބުނިކަމުގައިވިޔަސް، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށެވެ. އެހެންވުމުން މުވައްޒަފުންނަށް އިތުރު ބުރައެއް އުފުލަން ޖެހޭނެއެވެ. ހާއްސަކޮށް އަންހެން މުވައްޒަފުން އުފުލަން ޖެހޭ ބުރަތައް ބޮޑުވާނެއެވެ. މިސާލަކަށް މައްސަރު ކަންތަކާ ގުޅިގެން އަންހެން މުވައްޒަފުން ބަލިވެގެން އޮފީހަށް ނުދެވޭ ހާލަތެއް އަތުވެއްޖެ ނަމަ، މެޑިކަލް ސެޓްފިކެޓް ނެގުމަށް ކޮންމެ ފަހަރަކު ޑޮކްޓަރެއް ކައިރިއަށް ދިއުން ވާނީ ބޮޑު ތަކުލީފަކަށެވެ.

މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖް ބެހުމުގެ އުސޫލުތަކަށް ވެސް ބިލުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ސާވިސް ޗާޖްގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން އެއް ޕަސެންޓް އިދާރީ ފީގެ ގޮތުގައި ނެގުމަށްފަހު ދެން ހުރި ފައިސާ މުވައްޒަފުންނަށް ބަހަން ޖެހޭނެއެވެ.

އެ ބިލުގައި އޮތީ ސާވިސް ޗާޖް ބެހުމުގައި މުވައްޒަފުން މަސައްކަތްކުރި ގަޑިއިރަށް ބެލުމުގެ އިހުތިޔާރު ވަޒީފާ ދޭ ފަރާތްތަކަށް ލިބޭ ގޮތަށެވެ. އެގޮތުން ގަޑިޖެހޭ މުވައްޒަފުންނާއި ހާޒިރުނުވާ މުވައްޒަފުންނަށް ހާޒިރުނުވާ ނިސްބަތުން ސާވިސް ޗާޖުން އުނިކުރެވިދާނެ ކަމަށް އެ ބިލުގައިވެއެވެ. އެކަމަކު ސާވިސް ޗާޖް ދޭ ގޮތުގެ ތަފްސީލުތައް ކޮންމެ އަހަރަކު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ފޮނުވަން ޖެހެއެވެ. އަދި އެ ބިލުގައި އޮތީ ހިންގުމުގެ ދާއިރާގައި އިސް މީހުންނަށް ސާވިސް ޗާޖް ނުދިނުމުގެ ބާރު ވެސް ލިބޭ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ސިޔާސީ ވެރިންނަށް "ނޯ ލިމިޓް"

ވަޒީފާއާ ބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅި އިރު، އެ ބިލު ހުށަހެޅުއްވި ބޭފުޅުންނަށް ވަރަށް ފަސޭހައެވެ. ވަޒީފާއަށް ނުކުންނަން ޖެހޭނީ ހިތަށް އެރި އިރަކުއެވެ. މެޑިކަލް ސެޓްފިކެޓެއް ބޭނުމެއް ނުވެއެވެ. ވަޒީފާއަށް ނުނުކުތަސް ބޮޑު މުސާރަ ލިބެއެވެ.

ސިޔާސީ ބޭފުޅުންނަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ބޮޑު އަދަދުތަކެއް ލިބެއެވެ. އާދައިގެ ވަޒީފާތައް އަދާކުރާ މުވައްޒަފުންނަށް ލިބެނީ ކިރިޔާ ގޭގެ ކުއްޔާއި ބިލުތައް ދައްކާލެވޭ ވަރުގެ މުސާރައެކެވެ.

ސިޔާސީ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ސިފަކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތަކަށް ބަލައިލަމާ ހިނގާށެވެ. އެބޭފުޅުންގެ މުސާރައަކީ 42،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބެއެވެ. އޭގެ އިތުރުން ވެސް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބެއެވެ. އެހެންކަމުން މަޖިލިސް މެންބަރުންނަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ޖުމުލަ 82،000 ރުފިޔާ ލިބޭނެއެވެ.

ސަރުކާރުގެ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުން ފަދަ ސިޔާސީ މަގާމުތައް އަދާކުރާ ބޭފުޅުންނަށް ވެސް ބޮޑު މުސާރައެއް ލިބެއެވެ. ނަމަވެސް ހުރިހާ ބުރަ މަސައްކަތެއް ކުރަން ޖެހެނީ ސިވިލް ސާވިސް މުވައްޒަފުންނެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، ސިޔާސީ ބޭފުޅުން އާންމު ރައްޔިތުން ދަރަނިކޮށްލަން މަސައްކަތްކުރުން "އޯކޭ"އެއް ނޫނެވެ. އާދައިގެ މުވައްޒަފުންނަށް އެ ލިބޭ ކުޑަ މުސާރަކޮޅު އިތުރަށް ކުޑަކުރުމަށް މަސައްކަތްމިކުރަނީ ކީއްވެ ހެއްޔެވެ. އާދައިގެ މުވައްޒަފުން ޒިންމާދާރުކުރުވުމަށް އެހެން ގޮތްތައް ވެސް ހުންނާނެއެވެ. ސަރުކާރުގެ ހަރަދު ކުޑަކުރަން ވެސް އެހެން ގޮތްތަކެއް ހުންނާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!