ޚަބަރު

ސަރުކާރުން އިންތިހާބަށް ނުފޫޒު ނުފޯރުވައިފި ނަމަ، މޭޔަރަކަށް ހޮވޭނީ މުއިއްޒު: އާދަމް ޝަރީފް

ދެން އެމްވީ ، ދެން އޮންލައިން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ނުފޯރުވައިފިނަމަ، މާލެ ސިޓީގެ މޭޔަރަކަށް ހޮވޭނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް މުއިއްޒު އަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ މުއިއްޒު ކަމަށާއި މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު މާލެ އަށް ކުރި ހުރިހާ ކަމެއް ހަނދާން ނުނެތޭނެ ކަމަށެވެ. އެހެންކަމުން މާލޭ އެއްވެސް މީހަކު މުއިއްޒު އަށް ވޯޓެއް ނުދޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަކީ މަޖިލީހުގެ ރައީސް ކަމަށާއި އެހެންކަމުން އެހެން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންނަށްވެސް އިހްތިރާމު ކުރަން ޖެހޭނެ ކަމަށެވެ.

"ރައީސް ނަޝީދު! މިރޭ މާބޮޑަށް ޕްރެޝަރު ބޮޑުވީތޯ؟ ތިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެހެން މީހުންނަށް ވެސް އިހްތިރާމް ކުރައްވާ. ސަރުކާރުން ނުފޫޒު ނުފޯރުވައިފިނަމަ މާލޭގެ މޭޔަރަކަށް ހޮވޭނީ ޑރ. މުއިއްޒު، އިންޝާﷲ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މާލޭގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އޭނާ އަށް ކަމަށާ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ލިބުނު ތަޖުރިބާގެ އަލީގައި މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް ޑރ. މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!