ގޯތިތެރެ ސާފުކުރާގޮތުގެ ތަމްރީނަށް ވެސް އިންޑިއާއަށް ދާން ޖެހިދާނެ: ސައީދު
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ސިވިލް ސާވިސްގެ ކޮމިޝަންގެ ޓީމެއް އެ ގައުމަށް ދިއުމުން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޭ ގޯތިތެރެ ސާފުކޮށް ބެހެއްޓުމާއި ނައަމްސޫފި ބެލެހެއްޓުމުގެ ތަމްރީނަށް ވެސް އިންޑިއާއަށް ދާން ޖެހިދާނެ ކަމަށެވެ.
"މި ވަރަކުން ނުފުދޭނެ، ގޭ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި، ނަޢަމްސޫފި ހެޔޮ ގޮތުގައި ބެލެހެއްޓުމުގެ ތަަމްރީނަށް ދާދި އަވަހަށް ރަށްރަށުން ވެސް ދާން ޖެހިދާނެ! ރައީސް ޞާލިހު މި ހުންނެވި ޙާލަތު ރަނގަޅަށް ބަލަން އެބަ ޖެހޭ" ސައީދު ވިދާޅުވިއެވެ.
ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019ވަނަ އަހަރު އެންސީޖީޖީއާ އެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް, 11ވަނަ ބެޗު ވަނީ މިދިޔަ އަންގާރަ ދުވަހު އިންޑިއާއަށް ގޮސްފައެވެ. އޭގެ ދެ ދުވަސް ކުރިން ކަސްޓަމްސްގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް ގޮސްފައިވެއެވެ.