އިސްލާހުކުރި 21 ތަނެއް ހުޅުވައި އުސޫލުތަކާ ހިލާފުވި އިތުރު 33 ތަނެއް ބަންދުކޮށްފި
އެޗްޕީއޭއިން އާންމުކޮށްފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވެގެން ބަންދުކުރި 21 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދީ އުސޫލާ ޚިލާފުވި އިތުރު 33 ތަނެއް ބަންދުކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ބަންދުކުރި ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް އެތަންތަން އިސްލާހު ކުރުމުންކަމަށެވެ.
މިއަދު ހުޅުވުމުގެ ހުއްދަ ދީފައިވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ 7 ތަނަކާއި މާރުކޭޓަކާއި 2 ސެލޫންނެއްގެ އިތުރުން 11 ފިހާރައަކަށެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު، އެ އުސޫލާ އެއްގޮތަށް އެތަންތަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއް ދެއެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗްޕީއޭގެ ޚާއްސަ ހޮޓްލައިނަށް ގުޅާ އެންގުމުން އަލުން އެތަނެއް އިންސްޕެކްޓްކުރުމަށްފަހު އުސޫލާއި އެއްގޮތަށް ހުރިނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން އަންނަނީ ދެމުންނެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ތަންތަން ހިންގަމުންދޭތޯ ބެލުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންގައި އިއްޔެ 174 ތަނެއް ބަލާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތްދޭ 40 ތަނަކާއި 9 ސެލޫނަކާއި 123 ފިހާރައެއްގެ އިތުރުން 2 މާރުކޭޓެވެ.
އަދި މީގެ ތެރެއިން 33 ތަނެއް އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވެގެން ބަންދުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވެއެވެ. ފިޔަވަޅު އެޅި ތަންތަނުގެ ތެރޭގައި ހިމެނެނީ 5 ސެލޫނަކާއި 17 ފިހާރައާއި 10 ކެފޭ/ރެސްޓޯރެންޓެވެ. މީގެ އިތުރުން 1 މާރުކޭޓުވެސް ބަންދުކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކާއި ހިލާފަށް ހިދުމަތް ދެއެވެ.