ކޮވިޑަށް ފައްސިވި 200 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި: ޑރ. ނަޒްލާ
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 200 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ހޯމަ ދުވަހުގެ ހަވީރު ހައެއް ޖެހުމާއި ހަމައަށް ފެސިލިޓީސްތަކަށް ނުގެންދެވި 200 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. ނަމަވެސް އެމީހުން ފެސިލިޓީތަކަށް ނުގެންދެވި ތިބީ ކީއްވެ ކަމެއް ޑރ.ނަޒްލާ ވިދާޅެއް ނުވެއެވެ.
ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ބަލީގެ ޙާލަތު ގޯސްވަމުންދާކަމަށާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަމެއްދޭން ޖެހޭކަމަށެވެ. އެގޮތުން ބޭކާރުގޮތުގައި ބޭރަށް ނުކުމެ، އެޗްޕީއޭގެ ގައިޑްލައުންތަކާއި ޚިލާފަށް އުޅޭ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވުމެއްކަމަށް ނަޒްލާ ވިދާޅުވިއެވެ. މި ފަދަ ކަންކަމަކީ ގިނަ ބަޔަކު މިބަލީގެ ނރައްލަކަލަށް ވެއްޓިގެންދާނެކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު މިބައްޔަށް ޕޮޒިޓިވްވެފައިވާ 4293 މީހުން ތިބިއިރު، ފުރަބަންދައްފަހު ދިން ލުއިތަކާއެކު އަލަށް ފެނުނު ކޭސްތަކުގެ ގޮތުގައި ކޮންޓެކްޓް ޓްރޭސިންއިން 4000 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަން ނަޒްލާ ފާހަގަކުރެއްވިއެވެ.
"ކޮންޓެކްޓުން މިދަނީ ގިނަވަމުން. ކުދި ކުދި ކްލަސްޓަރތައް މިދަނީ އިތުރުވަމުން. އަލަށް ފެނުނު ކޭސްތަކުގެ 4000 ކޮންޓެކްޓްސް އެބަތިބި. އިންސާނީ ވަސީލަތުގެ ދަތިކަން ކުރިމަތިވުމުގެ ނުރައްކާ އެބަ އޮތް" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވުމުން އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް ރިސޯޓްތައް އައިސޮލޭޝަންއަށް ޙާއްސަކުރުމާއި ގެސްޓް ހައުސްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.