މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފި
މާލޭ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައި ދިނުން ހުއްޓާލައި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީދު ބަންދާއި މިޑްޓާމް ބަންދަށްފަހު ސްކޫލްތައް ހުޅުވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާ އަށް މާލޭގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
"ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ. ދެ ހަފްތާ އަށްފަހު ބަލިމަޑުކަން ފެތުރޭ ގޮތަށް ބަލައި މި ނިންމުން މުރާޖައާ ކުރެވޭނެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނެއް ކަމަށާއި ސްކޫލަށް ހާޒިރުވެ އުނގެނޭ އުނގެނުމުގެ ފައިދާ އަކީ އެހެން އެއްވެސް ގޮތަކަށް ލިބޭނެ އެއްޗެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ސިއްހަތަށް ކަމަށްވާތީ، ކޮވިޑްގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ދަރިވަރުން އާއިލާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރި ގޮތް ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.